ޚަބަރު

އޮޅުވެލީގައި މުބާރާތްތައް ބޭއްވުމަށް ކުޅިވަރު ވަސީލަތްތައް ތަރައްގީކުރަނީ


ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށާއި، މިހާރު އޮތް ވޮލީބޯޅަ ކޯޓަށްވުރެ ރަނގަޅު ކޯޓެއްގައި އަންނަ އަހަރުގެ މުބާރާތްތައް ކުޅުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ހަސަން އާދިލް ވިދާޅުވެއްޖެއެވެ.

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން އޮޅުވެލީގައި ކުރިޔަށްގެންދާ ރިސޯޓް ވޮލީބޯލް ލީގުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަސަން ވިދާޅުވީ އޮޅުވެލީގައި ވޮލީކޯޓުގެ އިތުރުން ފުޓްސެލް ދަނޑާއި ބެޑްމިންޓަން ކޯޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ނިންމާނެކަމަށެވެ.

"އަޅުގަނޑުމެން މިތިބެނީ ކުޑަކުޑަ ރަށެއްގައި. އެ ކުދިންނަށް ބޭނުންވާ ވަސީލަތްތައް އެބަ ދޭން ޖެހޭ. އެހެންނޫނީ އެކުދިންގެ މޯޓިވޭޝަން އާއި ވަރަށް ބޮޑަށް ވަގުތުތައް ބޭކާރުވެގެންދާނެ. ދެން ބޭކާރު ކަންތައްތަކުގައި އުޅޭނީ ކުޅިވަރުތަކަށް ސަޕޯޓް ނުލިބިއްޖެ ކަމަށްވަންޏާ” ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެ ރިސޯޓުގެ ބޭނުމަކީ މާލެ އަތޮޅުގައި ބާއްވާ މުބާރާތްތަކަކީ އޮޅުވެލީގައި ކުޅޭ މުބާރާތްތަކަކަށް ހެދުން ކަމަށެވެ.

ވޮލީގެ އިތުރުން ފުޓްސަލްގައިވެސް އެ ރިސޯޓަކީ ރަނގަޅު ނަތީޖާތަކެއް ނެރޭ ރިސޯޓެއް ކަމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވިޔަސް ރިސޯޓްތަކަށް ބާއްވާ މުބާރާތްތަކުގައި އޮޅުވެލި ތަމްސީލުކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ކުޅިވަރަށް އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަގީންކަން އޮޅުވެލީގެ މުވައްޒަފުންނަށް މެނޭޖްމެންޓުން ދީފައި އޮންނާނެ ކަމަށާއި ގެންނަން ޖެހޭ ކޯޗުންނާއި ބޭނުންވާ ތަމްރީނުތައް ދޭނެކަމުގެ ޔަގީންކަންވެސް މުވައްޒަފުންނަށް އަބަދުވެސް އޮންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.