ޚަބަރު

ޙޫޘީން ފައްތާލި ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ސަލާމަތްކޮށްފި، 11 މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގޭ


ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން ރަތް ކަނޑުގައި އެންމެ ފަހުން ފައްތާލި މުދާ އުފުލާ ބޯޓުގެ އިތުރު ހަތަރު ފަޅުވެރިންނާއި ގާޑެއް ކަނޑުގެ ސަރަޙައްދުން ސަލާމަތްކޮށްފިއެވެ.

ލައިބީރިޔާގެ ދިދައިގައި ދުއްވި ގްރީސްގެ އެޓާނިޓީ ސީ ކިޔާ ބޯޓަށް ޙޫޘީން ފުރަތަމަ ޙަމަލާ ދިނީ ޖުލައި މަހުގެ 7ވަނަ ދުވަހުއެވެ. އެ ދުވަހު އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޑްރޯންއާއި ބޮން ބޭނުންކޮށްގެންނެވެ. އެ ޙަމަލާގައި އެ އުޅަނދުގައި ތިބި 22 ފަޅުވެރިންނާއި ތިން ގާޑުންގެ ތެރެއިން ހަތަރު މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އެ މަރުތައް ކަށަވަރު ކުރެވިއްޖެ ނަމަ، މަރުވި މީހުން ވެގެން ދާނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން ރަތް ކަނޑު ސަރަޙައްދުގައި ޙޫޘީން ދެމުންދާ ޙަމަލާތަކުގައި މަރުވެފައިވާ ފުރަތަމަ މީހުންނަށެވެ.

އޭގެ ފަހުން، ޖުލައި މަހުގެ 8ވަނަ ދުވަހު ޙޫޘީން އަނެއްކާ ވެސް ވަނީ އެ އުޅަނދަށް ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ސަބަބުން އުޅަނދުގައި ތިބި ފަޅުވެރިންނަށް ކަނޑަށް ފުއްމާލުމަށް މަޖުބޫރުވިއެވެ. ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޖުލައި މަހުގެ 9ވަނަ ދުވަހު ހަ ފަޅުވެރިޔަކު ވަނީ ސަލާމަތް ކޮށްފައެވެ. އޭގެ ފަހުން، ޖުލައި މަހުގެ 10ވަނަ ދުވަހު އިތުރު ހަތަރު ފަޅުވެރިން ވަނީ ސަލާމަތް ކޮށްފައެވެ. މިހާތަނަށް ޖުމްލަ 10 ފަޅުވެރިން ސަލާމަތްކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސްއަށް ނިޞްބަތްވާ އަށް މީހުންނާއި، އިންޑިޔާގެ ރައްޔިތެއްގެ އިތުރުން، ގްރީސްއަށް ނިޞްބަތްވާ ސެކިއުރިޓީ ގާޑެކެވެ. އެންމެ ފަހުން ސަލާމަތްކުރި ހަތަރު މީހުން ސަލާމަތްކޮށްފައި ވަނީ އެ މީހުން ކަނޑުގައި ބެހެމުންދާތާ 48 ގަޑިއިރުވެފައި ވަނިކޮށެވެ.

ބޯޓުގެ 11 ފަޅުވެރިޔަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޔަމަނުގައި ޙަރަކާތްތެރިވާ އެމެރިކާގެ މިޝަނުން ބުނީ ބޯޓުގެ ބައެއް ފަޅުވެރިން ޙޫޘީން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެ އިދާރާއިން ވަނީ އެ މީހުން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައިފައެވެ. ނަމަވެސް، ޓީވީ މެދުވެރިކޮށް ދިން ހިޠާބެއްގައި ޙޫޘީ އަސްްކަރިއްޔާގެ ތަރުޖަމާނު ބުނީ ޔަމަނުގެ ކަނޑުގެ ސިފައިން ރަތް ކަނޑުގައި ބެހެމުންދިޔަ ބައެއް ފަޅުވެރިން ސަލާމަތްކޮށް، އެ މީހުންނަށް ޞިއްޙީ ފަރުވާދީ، ރައްކާތެރި ސަރަޙައްދަކަށް ގެންގޮސްފައިވާ ކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރުަތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޯޓުފަހަރު ވެސް ހިމެނެއެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް ޢަމާޒު ކޮށް 100އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ.

ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމުން ޙޫޘީން ވަނީ ޔަހޫދީންނަށް އަމާޒު ކޮށް ދެމުންދިޔަ ޙަމަލާތައް ވެސް މަޑުޖައްސާލައިފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމާ އެކު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނިކަމެތިކޮށް ޙާލުގައި ޖެއްސުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ޖަރީމާގެ ދަށުން އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ހުރަސްއެޅުމުން ޙޫޘީން ވަނީ އަނެއްކާ ވެސް ޙަމަލާތައް ދޭން ފަށައިފައެވެ. އެއާއެކު، މާރިޗު މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޙޫޘީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ބަދަލުކުރަމުން ދިޔަ ޙަމަލާތައް ނިމުމަކަށް އައީ ޢުމާން މެދުވެރިވެ މެއި މަހުގެ 6ވަަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދެ ފަރާތުން އައުމުންނެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށުމުން، އެ ޙަމަލާތަކުގައި އެމެރިކާއިން ބައިވެރިވެއްޖެ ނަމަ، ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ އާގުބޯޓު ފަހަރަށް އަމާޒުކޮށް އަނެއްކާ ވެސް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ވަނީ ދީފައެވެ.

ޙޫޘީން ޙަމަލާދޭ ރަތް ކަނޑުގެ ވިޔަފާރި މަގަކީ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު އެއް މަގެވެ. އެ މަގުން އަހަރަކު އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ މުދާ ގެންދެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ޙޫޘީން މެޖިކް ސީސް ކިޔާ އާގުބޯޓަކަށް ޙަމަލާ ދީ އެ ބޯޓު ފައްތާލާފައިވާއިރު، ފާއިތުވި ހަފްތާގެ ތެރޭގައި ޙޫޘީން ވަނީ ދެ ބޯޓު ފައްތާލައިފައެވެ.

މި ޙަމަލާތަކާއެކު މި މަގުން ދަތުރުކުރާ އުޅަނދުފަހަރު އިންޝޫރެންސަށް ދައްކަންޖެހޭ ޢަދަދު ވަނީ އުޅަނދުގެ އަގުގެ 0.4 އިންސައްތައިން 1 އިންސައްތައަށް އުފުލިފައެވެ. އެއާއެކު މި މަގުން ކުރާ ދަތުރަކަށް އިންޝޫރެންސްގެ ގޮތުގައި އިތުރު 700،000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ޚަރަދުކުރަން ޖެހެއެވެ. ޙޫޘީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ޝިޕިންގ ކުންފުނިތަކުން ދަނީ ރަތް ކަނޑުގައި ކުރާ ދަތުރުތައް މެދުކަނޑައިލަމުންެނެވެ.