ޚަބަރު

ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތަކީ ޤައުމަށް ފައިދާކުރަނިވި ނަމޫނާ ސިޔާސަތެއް : ޚާރިޖީ ވަޒީރު


  • ގުޅުން ބަދަހިނަމަ ރާއްޖޭގެ މިނިވަންކަމަށް ޤައުމުތަކުން އިޙުތިރާމުކުރާނެކަމަށް ވިދާޅުވި

  • ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަމަށް ވިދާޅުވި

ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތަކީ ޤައުމަށް ފައިދާކުރަނިވި ނަމޫނާ ސިޔާސަތެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީ އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ މިއަދުގެ ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގިނަ ޤައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ ކަމަށެވެ. އެގޮތުން ޗައިނާއާއި އިންޑިޔާއާއި އެމެރިކާފަދަ ބޮޑެތި ޤައުމުތަކާއެކު ގުޅުންބަދަހިވެ، ޢަރަބި ދުނިޔެއާވެސް ގާތް ގުޅުމެއް ޤާއިމުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އުފެދިފައިވާ ގާތް ގުޅުންތަކުގެ ނަތީޖާއަކީ ރާއްޖެއަށް ދިމާވާ އެކި މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދުމުގައި ބޭރުގެ އެހީތެރިކަން ލިބުންކަމަށެވެ. އަދި މިގޮތަށް ދެމިއޮންނާނީ ގާތް ގުޅުންތައް ދެމެހެއްޓިގެން ކަމަށާއި އެކަމަށް ބުރުއަރާނެ ކޮންމެ ކަމަކުން ކޮންމެ ދިވެއްސަކުވެސް ދުރުވާންޖެހޭކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް ފައިދާވާ އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާސަތަށް އިޙުތިރާމުކުރާ ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއިން ގުޅުން ބާއްވާނެކަމަށެވެ. އަދި ޚާރިޖީ ގޮތުން ރަނގަޅު ސިޔާސަތުތަކެއް ހިފެހެއްޓުމުގައި ރާއްޖެއަކީ ބޭރު ދުނިޔޭގައި މަޝްހޫރު ޤައުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ހަރުދަނާ ސިޔާސަތުތަކާއި ގާތް ގުޅުމުގެ ސަބަބުން ގިނަ އަދަދެއްގެ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި ކޮމިޝަންތަކުގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ޔޫއެން ޖެނެރަލް އެސެންބްލީގެ ނައިބު ރައީސްކަމަށް ރާއްޖެ ވަނީ އިންތިޚާބުވެފައި. ގަވަނިން ކައުންސިލް އޮފް ދި އޭޝިއާ އެންޑް ޕެސިފިކް ސެންޓަރ ފޮރ ދި ޑިވަލޮޕްމެންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމެންޓްގެ މެންބަރުކަމަށް 2025-2028އަށް ރާއްޖެ ވަނީ އިންތިޚާބުވެފައި. އަދިވެސް ގިނަ ޖަމިއްޔާތަކުގެ މެންބަރުކަމަށް އިންތިޚާބުވެފައިވޭ. އޭގެ އިތުރުން 2026ގައި ބާއްވާ ކޮމަންވެލްތު މިނިސްޓްރީއަލް މީޓިން އޮން ސްމޯލް ސްޓޭޓް ކޯ-ޗެއަރކުރާނީ ރާއްޖެ" ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ކާމިޔާބީތަކެއް ލިބިފައިވަނީ ޤައުމުތަކާއެކު ޤާއިމުވެފައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ޤައުމުތަކާއެކު ގުޅުން ބަދަހިވި ވަރަކަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކުރާ ޤައުމުތައް އިތުރުވާނެކަމަށްވެސް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.