ޚަބަރު

ވާނީގައި ކުރިއަށް ދިޔަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި؛ މިކޯހުގައި 4 ޤައުމަކުން ބައިވެރިވި


  • 4 ގައުމަކުން 10 ފުލުހުން ވަނީ ކޯސް ފުރިހަމަކޮށްފައި

  • ކޯސް ކުރިއަށްދިޔައީ 40 ދުވަހަށް

ދ. ވާނީގައި ކުރިއަށް ދިޔަ ފޮރެންސިކް ޑައިވިން ކޯސް ނިންމާލައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްއިން ކުރިއަށްގެންދިޔަ މިކޯހަކީ "އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯހެކެވެ.

މިކޯހުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. މިކޯހުގައި 4 ގައުމަކުން 10 ފުލުހުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ. އެއީ ދިވެހި 5 ފުލުހުންނާއި، ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާއިން ބައިވެރިވި 5 ފުލުހުންނެވެ.

މި ތަމްރީންތައް ފަށާފައިވަނީ ޖޫން 1 ވަނަ ދުވަހުއެވެ. 40 ދުވަހުގެ މި ތަމްރީނު ކޯސް ނިންމާލީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްކެވި ވާހަކައިގައި ކޯސް ނިންމި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ޚާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މޫދު އަޑީގައި ތަހުގީގު ހިންގުމުގެ ގާބިލްކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ މި ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާކަމަށް ދިވެހި ފުލުހުންގެ ފަރާތުން މައުލޫމާތުދެއެވެ.