ގދ.ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތުގެ ދަށުން ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި، ކަނޑުމަގުންނާއި ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި މި އޮޕަރޭޝަންގައި ގދ.ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ޒަކަރިއްޔާ އަދި ފެނިފައިނުވެއެވެ.
ޒަކަރިއްޔާ މުޙައްމަދު އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.