އިނގިރޭސިވިލާތުގެ އެފްއޭކަޕް ޗެމްޕިއަން ކްރިސްޓަލް ޕެލަސް ޔޫރޮޕާ ލީގުން ބޭރުކޮށްލައިފި އެވެ.
ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ)އިން މި ގޮތަށް ނިންމީ އެ ކުލަބުގައި ފްރާންސްގެ ލިއޯންގެ ހިއްސާ އެކެއްގެ އަތުގައި އޮންނާތީ އެވެ. އެމެރިކާގެ ވިޔަފާރި ވެރިޔާ ޖޯން ޓެކްސްޓާ އަކީ ކަރުދާހުން ފެންނަ ގޮތުގައި މި ދެ ކުލަބުގެ ވެސް ހިއްސާދާރެކެވެ. އޭނާ އަކީ ލިއޯންގެ މައި ހިއްސާދާރެވެ. މި ގޮތުން އެކުލަބުގެ 77 ޕަސެންޓް ހިއްސާ އޮތީ އޭނާގެ އަތުގަ އެވެ. ކްރިސްޓަލް ޕެލަސްގައި އޭނާ އަކީ މައިނޯރިޓީ ހިއްސާ ދާރެކެވެ. އޮތީ 43 ޕަސެންޓް ހިއްސާ އެވެ.
ޔޫއޭފާއިން ބުނީ ކްރިސްޓަލް ޕެލަސްގެ ޖާގަ ޔޫރޮޕާ ލީގުގައި ދެން ފުރާނީ އިނގިރޭސި ލީގުގެ ހަތް ވަނަ އަށް ދިޔަ ނޮޓިންހަމް ފޮރެސްޓް ކަމަށެވެ. އަދި އެ ޖަމާއަތުން ދީފައިވާ މި އަދަބު ކޯޓް އޮފް އާބިޓްރޭޝަނުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ޕެލަސް އަށް ލިބޭނެ ކަމަށެވެ. އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައޮ ޕްލަސް އިން މި އަދަބު ކުޅިވަރުގެ މައްސަލަތައް ނިންމާ އެންމެ މަތީ ކޯޓުގައި އިސްތިއުނާފު ކުރާނެ އެވެ.
މި އަހަރުގެ މާޗު މަހު ނެރުނު ޔުއޭފާގެ ގަވާއިދުތައް ބުނާ ގޮތުން އެކަކު ހިއްސާވާ ދެ ކުލަބެއް އޮންނަ ކަމުގައިވާނަމަ ކުލަބު ހިންގުމުގައި އެ ފަރާތުގެ ނުފޫޒު ނެތްކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ. ނޫނީ އެ ދެ ކުލަބަށް ޔޫއޭފާގެ އެއް މުބާރާތެއްގައި ނުކުޅެވޭނެ އެވެ.
ޔޫއޭފާއިން ބުނީ ޔޫއޭފާއިން ދިން މުއްދަތު ހަމަވުމުގެ ކުރިން ކްރިސްޓަލް ޕެލަސްއިން އެ ޓީމުގެ ހިންގުމުގައި ޓެކްސްޓާގެ ނުފޫޒެއް ނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ޖޫން މަސް ނިމުނު އިރު ވެސް އެކަމަށް ބޭނުންވާ އެކަށީގެންވާ ހެކި ނުދެއްކުނީ ކަމަށެވެ.
ލިއޯން އާއި ކްރިސްޓަލް ޕެލަސް ވެސް އަންނަ ސީޒަނުގައި ކުޅެން އޮތީ ޔޫރޮޕާ ލީގުގަ އެވެ. މި ދެ ޓީމުގައި އެކަކު ހިއްސާވާއިރު ކްރިސްޓަލް ޕެލަސް ބާކީކޮށް ލިއޯން އަށް އިސްކަން ދިނީ ހުސްވި ސީޒަނުގެ ލީގުގެ ނަތީޖާ އަށް ބަލައިގެން ކަމަށް ވެސް ޔޫއޭފާއިން ބުނެ އެވެ.
ފްރާންސް ލީގު ހުސްވި ސީޒަނުގައި ލިއޯން ނިންމާލީ ހަތް ވަނާގަ އެވެ. އިނގިރޭސި ލީގު ނިމުނުއިރު ކްރިސްޓަލް ޕެލަސް އޮތީ 12 ވަނާގަ އެވެ. އެ ކުލަބު ޔޫރޮޕާ ލީގަށް ކޮލިފައިވީ އެފްއޭކަޕް ކާމިޔާބު ކުރުމުންނެވެ.