ކުޅިވަރު

ޓާ ސްޓެގަން ބޭނުންވަނީ ބާސެލޯނާގެ ގޯލަށް ވާދަކުރަން


ބާސެލޯނާއިން ވިއްކާލަން ބޭނުންވެފައިވާ ގޯލްކީޕަރު އަދި ކެޕްޓަން މާކް-އަންދްރޭ ޓާ ސްޓެގަން ކުލަބު ދޫކޮށްލުމުގެ ޚިޔާލު އެއް ފަރާތްކޮށް، އެއްވަނަ ކީޕަރު ކަމަށް ވާދަކުރަން ނިންމައިފިއެވެ.

ސްޕޭނުގެ ނޫސްތަކުން ބުނަނީ ޖަރުމަނުގެ ގައުމީ ކީޕަރު މި ގޮތަށް ނިންމީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކާއެކު މިއަދު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

މި ބައްދަލުވުމުގައި ފްލިކް ވަނީ ފާއިތުވެދިޔަ 10 އަހަރު ބާސެލޯނާގައި ހޭދަކުރި ކީޕަރަކީ ކުރިއަށް އޮތް ސީޒަނުން ފެށިގެން ތިން ވަނަ ކީޕަރުކަމަށް ބުނެފަ އެވެ. އެއް ވަނަ ކީޕަރަކީ 25 މިލިއަން ޔޫރޯ ދީފައި ގެނައި އެސްޕަނިޔޯލްގެ ޖޯން ގާސިއާ އެވެ. ދެ ވަނަ ކީޕަރުގެ މަގާމު ލިބޭނީ ހުސްވި ސީޒަނުގައި ބާސެލޯނާ ތިން ތަށި ނެގިއިރު ގޯލުގައި ހުރި ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވޮޝްނިއާ ޝެޒްނީ އެވެ.

ޝެޒްނީ އަކީ ހުސްވި ސީޒަނުގެ ކުރީކޮޅު ޓާސްޓެގަން އަށް އަނިޔާވުމުން ބާސެލޯނާ އަށް ގެނައު ކީޕަރެކެވެ. އޭރު އޭނާ ހުރީ ވެސް ރިޓަޔާކޮށްގެންނެވެ. ނަމަވެސް މިހާރު ބާސެލޯނާއިން ވަނީ އިތުރު ދެ އަހަރަށް އޭނާގެ ކޮންޓްރެކްޓް އައުކޮށްފަ އެވެ.

ޓާސްޓެގަން ބާސެލޯނާއިން ފޮނުވާލަން އެ ކުލަބުން ބޭނުންވަނީ ތިން ސަބަބަކާ ހުރެ އެވެ. އެއީ އޭނާގެ އުމުރު 34 ފަހަނައަޅައި ދާން ތައްޔާރުވެފައި ވުމާއި ގާތްގާތުގައި އަނިޔާވެ ކުރީގެ މޮޅު ކުޅުން ދެއްކޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. ގާސިއާ ގެނައީ ވެސް މިހެންވެ އެވެ. ތިން ވަނަ ސަބަބަކީ އޭނާގެ މުސާރަ މާބޮޑަށް މަތިވުމެވެ. އޭނާ އަށް ހަފުތާއަކު 268 ހާސް ޔޫރޯ އަދި އަހަރަކު 13 މިލިއަނަށްވުރެ ޔޫރޯ މުސާރައިގެ ގޮތުގައި ދޭން ޖެހެ އެވެ.

ބާސެލޯނާއިން ފޮނުވާލަން ބޭނުންވި ނަމަވެސް ޓާސްޓެގަން ހުރީ ފަސޭހެ ގޮތަކަށް ބާސެލޯނާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނާ ނިންމާފައިވަނީ ކޮންމެ ގޮތެއް ހަދާފައި ވެސް ކުލަބުގައި މަޑުކޮށް އެއްވަނަ ކީޕަރު ކަމަށް ވާދަ ކުރުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބާސެލޯނާ ދޫކޮށްލަން އޮތީ އެންމެ ގޮތެކެވެ. އެއީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތް ތިން އަހަރުގެ މުސާރަ އެއް ފަހަރާ ބާސެލޯނާއިން ދިނުމެވެ. މިއީ އެ ކުލަބަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބާސެލޯނާއިން ގަބޫލު ކުރަނީ 2026 ވަނަ އަހަރަކީ ވޯލްޑް ކަޕް އޮންނަ އަހަރު ކަމަށް ވުމުން ނުކުޅެ އިންނަން ޖެހޭނަމަ ޖަރުމަނުގެ ގައުމީ ޓީމުގެ ޖާގަ ގެއްލިދާނެތީވެ ޓާސްޓެގަން ކުޅެން ފުރުސަތު ލިބޭނެ ޓީމަކަށް ބަދަލުވާނެ ކަމަށެވެ.