ޚަބަރު

އެލަންގާ 55 މިލިޔަން ޕައުންޑަށް ނިއުކާސަލްއަށް


ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އައި އެންތޮނީ އެލަންގާ، 55 މިލިޔަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގެ ދަށުން ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ސްވިޑަން އަށް އުފަން އުމުރުން 23 އަހަރުގެ އެލަންގާ ނޮޓިންހަމް ފޮރެސްޓް އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑް އިންނެވެ. އަދި ނިމިގެންދިޔަ ސީޒަނުގައި އެލަންގާ ވަނީ ނޮޓިންހަމް ފޮރެސްޓްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަސްވަނަ މަގާމް މިދިޔަ ސީޒަނުގައި ހޯދުމަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ ނިއު ކާސަލް ޔުނައިޓެޑް އިން ދަނީ އެ ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ސީޒަނުގައި އެލަންގާ ވަނީ ނޮޓިންހަމް ފޮރެސްޓަށް ހަ ލަނޑު ޖަހައިދީ އިތުރު 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެލަންގާ ނިއު ކާސަލް އަށް ގެންދިއުމަށްފަހު އެ ޓީމުގެ ކޯޗު އެޑީ ހޯވޭ ބުނެފައިވަނީ އެލަންގާ އަކީ އެ ޓީމަށް ގެންނަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކުޅުންތެރިއެއް ކަމަށާއި އަދި އޭނާ އެ ކްލަބަށް ސޮއި ކުރުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

އެލަންގާ ނޮޓިންހަމް ފޮރެސްޓްގައި ބަހައްޓަން އެ ކްލަބުން ބޭނުންވި ނަމަވެސް 15 މިލިއަން ޕައުންޑަށް މީގެ ދެ އަހަރު ކުރިން ގަތް ކުޅުންތެރިއަކު ހޯދުމަށް 50 މިލިއަން ޕައުންޑުގެ ހުށައެޅުމެއް ލިބުމުން އެ ހުށައެޅުން ދޫކޮށްލުމަކީ އުނދަގޫ ކަމަކަށް އެ ކްލަބަށް ވަނީ ވެފަ އެވެ.