ޚަބަރު

ޓީ20 ޕްރިމިއަރ ލީގު: ތިންވަނަ މެޗުންވެސް ސީބީއެލް މޮޅުވެއްޖެ


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއަރ ލީގުގައި ސީބީއެލް ސްޕޯޓްސްއިން ކުޅުނު ތިންވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މިއަދު ހެނދުނު ކުޅުނު މެޗުން ސީބީއެލް މޮޅުވީ މާލޭ ސްޕޯޓްސް އަތުން އަށް ވިކެޓުންނެވެ. މި މެޗުގެ ގުރު ދިމާވުމުން މާލޭ ސްޕޯޓްސް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ހެދުނީ 136 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ބޯޅައިން 51 ލަނޑު ހެދި މުޙައްމަދު އައްޒާމް އާއި، 22 ބޯޅައިން 27 ލަނޑު އެއްކުރި މުޙައްމަދު ޝިޔާމްއެވެ.

ޖަވާބުގައި ސީބީއެލް ކުޅެން އަރައި 19.1 އޯވަރުގެ ތެރޭގައި އެ ޓީމުން ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. ސީބީއެލްއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 50 ބޯޅައިން 65 ލަނޑު ހެދި ތާރަކަ ރުވާން އާއި ނުބައިނުވެ 45 ބޯޅައިން 53 ލަނޑު އެއްކުރި ޕިޔާލަ ކުމާރައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު މެންދުރުފަހު ކުޅުނު މެޗުން ނިއު ސްޓަރ ވަނީ އޮފް އެފްސީ އަތުން ނުވަ ވިކެޓުން މޮޅުވެފައެވެ. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ސީބީއެލް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މިލާން ކްރިކެޓް އެކެޑަމީއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނިއު ސްޓަރ އަށް ހަ ޕޮއިންޓް ލިބިފައިވަނީ ތިން މެޗުންނެވެ.

ހަތަރުވަނައިގައި އޮތް އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކެޑަމީ އާއި ފަސްވަނައިގައި އޮތް އޮފް އެފްސީއަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް މާލޭ ސްޕޯޓްސް ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.