ޚަބަރު

މެސީގެ ދެ ލަނޑާއެކު އިންޓަރ މަޔާމީ މޮޅުވެއްޖެ


އެމެރިކާގެ މޭޖަރ ލީގުގައި ރޭ ނޭޝްވިލް އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެއްޖެ އެވެ.

މި މެޗުން އިންޓަރ މަޔާމީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ލިބިފައިވާނ 38 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ފިލަޑެލްފިއާ އަށް 43 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު ވަނީ އިންޓަރ މަޔާމީ އަށްވުރެ އިތުރަށް ތިން މެޗު ކުޅެފަ އެވެ.

އިންޓަރ މަޔާމީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނިޓުގައި ކެޕްޓަން ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ނޭޝްވިލްގެ ހެނީ މުހްތާރު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި އިންޓަރ މަޔާމީ އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ 62 ވަނަ މިނިޓުގައި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެސީ މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވަނީ އެމްއެލްއެސްގައި އެންމެ ފަހުން އިންޓަރ މަޔާމީ ކުޅުނު ފަސް މެޗުގައިވެސް ދެ ލަނޑު ޖަހާ ލީގުގައި ރެކޯޑެއް ހަދާފަ އެވެ. އަދި މި މެޗުން އިންޓަރ މަޔާމީ މޮޅުވުމާއިއެކު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުން ބަލިނުވެ ރެކޯޑް ދަމަހައްޓާފަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވެ އެ މުބާރާތުން ކެޓި ފަހުން މޭޖަރ ލީގުގައި އިންޓަރ މަޔާމީ ކުޅުނު މެޗަކުން އަދި އެ ޓީމު ބަލިވެފައެއް ނުވެއެވެ.