ޚަބަރު

ބަސް ޓާމިނަލް ކައިރިން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ކުއްޖަކު ނިޔާވެއްޖެ


  • ސައިކަލުން ވަނީ ޒިބްރާ ކްރޮސްއަކުން މަގު ހުރަސް ކުރި މީހެއް ގައިގައި ޖެހިފައި

  • އެތަނުން ދަތުރު ކުރި ޕިކަޕެއްގައިވެސް ޖެހުނު

މާފަންނު ބަސް ޓާމިނަލް ކައިރިން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިވާ ދިޔަ ސައިކަލެއް ޒިބްރާ ކްރޮސްއަކުން މަގު ހުރަސް ކުރި މީހެއް ގައިގައި ޖެހި އަދި އެތަނުން ދަތުރު ކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި ދެން އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖަކަށާއި، 40 އަހަރުގެ މީހަކަށްކަމަށް ފުލުހުން ވިދާޅުވެއެވެ. މި 2 މީހުންގެ ހާލުވެސް ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ. 16 އަހަރުގެ ކުއްޖާއާއި ނިޔާވި 17 އަހަރުގެ ކުއްޖާއަކީ ސައިކަލްގައި ތިބި 2 ކުދިންނެވެ.