ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލު ކުރައްވައިފި


  • މިހާރުވެސް އެމްއެމްޕީއާރުސީން ބޭނުންކުރަމުންދަނީ ވިޒިޓް މޯލްޑިވްސް

  • ކުންފުނީގެ ނަން މިއަދުން ފެށިގެން ރަސްމީކޮށް ބަދަލުވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް، އެމްއެމްޕީއާރުސީގެ ނަން ބަދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެމަނިކުފާނު އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރައްވާފައިވަނީ "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމަށެވެ.

އެމްއެމްޕީއާރުސީއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްގީއަށާއި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް މަގުފަހިކޮށްދޭނެގޮތަށް ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެއްބާވަތުގެ މަސައްކަތްތައް އެއްތަނަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، އިސްތިހާރާއި މާކެޓިންގެ ހުރިހާ ކަމެއް އެއްތަނަކުން ބަލަހައްޓައި ޚިދުމަތް އަވަސްކޮށް، ހަލުވި ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރައްވައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ކުންފުނިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސްގެ ގަރާރުގައި ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިސްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.

ރައީސުލްޖުމްހޫރިއްޔާ އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލު ކުރައްވާފައިވާއިރު ޓޫރިޒަމާ ގުޅުންހުރި ބައިނަލްއަގުވާމީ ހުރިހާ ހަރަކާތެއްގައިވެސް މިހާތަނަށް އެ ކުންފުނިން ބޭނުން ކުރަމުން އަންނަނީ "ވިޒިޓް މޯލްޑިވްސް"އެވެ. އެ ކުންފުނިން ވަނީ ރާއްޖެ އިސްތިހާރު ކުރުމަށް ބޭނުންކުރާ ލޯގޯއަށް ބަދަލުތަކެއްވެސް ގެނެސްފައެވެ.