މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ މައްޗަށްކުރެވޭ ކަށުނަމާދު މިއަދު ޢަސުރު ނަމާދަށްފަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ކަށު ނަމާދު އޮންނާނީ ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެއެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެ ދެކުދިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން، ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ. އެއީ ނިޔާވެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިނީ އަލްސަންކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މިޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފައެވެ.
އަލްސަން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.