ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ތައުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަރުޙޫމް ޔޫސުފް އަލްސަން މުޙައްމަދުގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާ ދަންނަވާފައެވެ.
މީގެ އިތުރުން މި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) July 13, 2025
މިރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ…
ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެއެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެ ދެކުދިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން، ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ކުއްޖާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިނީ އަލްސަންކަމަށެވެ. އަލްސަންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ރޭގެ އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މިޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފައެވެ.
އަލްސަން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.