ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ސްކޫލްތަކުން ބައިވެރިވާ ދަރިވަރުން ރަޖިސްޓްރީވާން ހުޅުވާލައިފި


  • ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 13 ޖުލައި 2025އިން 17 އޮގަސްޓު 2025ގެ ނިޔަލަށް

  • މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18ގައި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ސްކޫލްތަކުން ބައިވެރިވާ ދަރިވަރުން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން ޖަމްޢިއްޔާތަކުގެ ބައި ހިމެނެއެވެ. މުބާރާތުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލަމުންދަނީ، ވަކިވަކި ބައިތަކަށް ވަކިންނެވެ.

މި މުބާރާތަށް ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 13 ޖުލައި 2025 އިން 17 އޮގަސްޓު 2025 ގެ ނިޔަލަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބައިވެރިންނަށް ރަޖިސްޓްރީ ވެވޭނީ ވަންގަވް މެދުވެރިކޮށްކަމަށެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިފަހަރުގެ މުބާރާތުގައިވެސް ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމާއި ޙާފިޒުންގެ ގޮފީގައި ދަރިވަރުންނަށް ވާދަކުރެވެއެވެ. އަދި މި މުބާރާތް ކުރިއަށްދާނީ 3 ބަޔަކަށެވެ. އެއީ ސްކޫލްތަކުގެ ބަޔާއި ޙާފިޒުންގެ ބަޔާއި ކުލަބު ޖަމްޢިއްޔާތަކުގެ ބައެވެ.

މިދިޔަ މަހު ވަނީ މި މުބާރާތުގައި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން ބައިވެރިވުމަށް ހުޅުވާލާފައެވެ. މި މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.