ޚަބަރު

އާންމު ޚިދުމަތުގެ ޔުނިޓުތައް ނެތް އަތޮޅުތަކުގައި އެ ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި


  • އާންމު ޚިދުމަތުގެ ޔުނިޓުތައް ޤާއިމުކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ވަނީ ފަށާފައި

  • ރަަށްރަށް ކަނޑައެޅުމުގައި މިންގަނޑެއްގެ ގޮތުގައި ބަލާފައިވަނީ އަތޮޅު ކައުންސިލް ހިންގާ ރަށްރަށަށް

އާންމު ޚިދުމަތުގެ ޔުނިޓުތައް ޤާއިމުކޮށްފައި ނެތް އަތޮޅުތަކުގައި އެ ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާންމު ޚިދުމަތުގެ ޔުނިޓުތައް ނުވަތަ ޕަބްލިކް ވަރކްސް ޔުނިޓުތަކަކީ އިމާރާތްކުރުމާއި މަރާމާތުކުރުންފަދަ އާންމު އެކިއެކި މަސައްކަތްކުރުން ހަވާލުކުރެވިފައިވާ ބައެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢާންމު ޚިދުމަތްދޭނެ ޔުނިޓުތައް ޤާއިމުކުރުމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތަައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މިހާރު އާންމު ޚިދުމަތުގެ ޔުނިޓުތައް ޤާއިމުކޮށްފައި ނުވާ އަތޮޅުތަކުގައި ޔުނިޓު ޤާއިމުކުރާނެ ރަށްރަށް ކަނޑައަޅާފައިވާ ކަމަށެވެ.

އާންމު ޚިދުމަތުގެ ޔުނިޓުތައް ޤާއިމުކުރާ ރަށްރަށް:

* ހއ. ދިއްދޫ
* ށ. ފުނަދޫ
* ނ. މަނަދޫ
* ރ. މާކުރަތު
* ބ. އޭދަފުށި
* ޅ. ނައިފަރު
* ކ. ތުލުސްދޫ
* އއ. ރަސްދޫ
* އދ މަހިބަދޫ
* ވ. ފެލިދޫ
* މ. މުލި
* ފ. ނިލަންދޫ
* ދ. ކުޑަހުވަދޫ
* ތ. ވޭމަންޑޫ
* ގއ. ވިލިނގިލި

ވަޒީރު ވިދާޅުވީ ރަަށްރަށް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށްރަށަށް ކަމަށެވެ. އަދި މި ޔުނިޓުތައް ޤާއިމުކުރުމަށް އިދާރީގޮތުން ނިންމަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕަބްލިކް ވަރކްސް ޔުނިޓުތައް 9 ރަށެއްގައި މިހާރުވަނީ ޤާއިމުކޮށްފައެވެ.