ޚަބަރު

ހުޅަނގުގެ ޤައުމުތަކުގެ ބަޔާނަށް ސަރުކާރުން ރައްދު ދެއްވައިފި


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާމެދު ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން ރައްދުދެއްވައިފިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ގުޅިފައިވާ ބަޔާނެއް ނެރެފައިވަނީ އެމެރިކާއާއި، ނޯވޭ އަދި ނެދަރލެންޑްސްގެ އެމްބަސީންނާއި، އިނގިރޭސިވިލާތުގެ ހައިކޮމިޝަނުންނާއި އަދި ވިލާތުގެ އިއްތިޙާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަންއިންނެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ފާސްވެއްޖެނަމަ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިގެން ދާނެކަމަށާއި، މި ބިލް ފަރުމާކުރެވިފައިވަނީ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރާއި، މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކަށަވަރުކޮށްދޭ ޑިމޮކްރެޓިކް ޙައްޤުތަކާއި މިނިވަންކަމަށް ހުރަސްއެޅޭ ގޮތަކަށްކަމަށް އެ ފަރާތްތަކުގެ ގުޅިފައިވާ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

މި ބަޔާނަށް ރައްދުދެއްވަފައި ދިވެހި ސަރުކާރުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ބިލު ފަރުމާކޮށްފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ނިޔަތުގައި ނޫންކަމަށާއި، މި ބިލަކީ ހުރިހާ ރައްޔިތުންގެ އިންސާނީ އަބުރާއި ކަރާމާތާއި ނަފްސުގެ ޙިމާޔަތް ކަށަވަރުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި، މި ބިލް އެކުލަވާލާފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ އަބުރާއި ކަރާމާތް ރައްކާތެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށާއި، މި ބިލުގައި ހުށައަޅާފައިވާ ފިޔަވަޅުތަކަކީ އެކި މަރުޙަލާތަކެއްގެ މަތިން ނޫނީ ތަންފީޒުކުރެވިގެންދާނެ ކަންތައްތަކެއް ނޫންކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އަދި، މި ބިލު މިހާރު ވަނީ ދިރާސާކުރުމުގެ މަރުޙަލާގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުން މި ބިލާމެދު ގޮތެއް ނިންމެވުމުގެ ކުރިން މި ބިލާމެދު ރާއްޖޭގެ ނޫސްވެރިން ފާޅުކުރަމުންދާ ޚިޔާލުތަކަށް ރިޢާޔަތްކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެޖޯރިޓީ ލީޑަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެފައިވާކަންވެސް ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ފަސް ޤައުމުގެ ތެރެއިން ހަތަރު ޤައުމެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހިފެހެއްޓުންތަކެއް ހުރިކަމަށާއި، އެ ޤައުމުތަކުގައިވެސް އަބުރާބެހުމަކީ ޖިނާޢީ ކުށެއްކަމަށް ކަނޑައަޅައި ޤާނޫނުތައް ތަންފީޒު ކުރަމުންދާކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި، ވިލާތުގެ އިއްތިޙާދުގެ 28 ޤައުމުގެ ތެރެއިން 23 ޤައުމެއްގައިވެސް އަބުރާބެހުމަކީ ޖިނާޢީ ކުށެއްކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.