ދިވެހިރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގައި ރުއްތަކަށް ދިމަވެފައިވާ ކޮކަނަޓް ހިސްޕައިން ބީޓަލް ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާތީޖީ ފިޔަވަޅެއްކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނާ ސަރުކާރާއި އެ ވުޒާރާއާއި ދެމެދު އެކުލަވާލެވިފައިވާ، މި އެއްބަސްވުން މައިގަނޑުގޮތެއްގައި ބިނާކުރެވޭ އަސާސްތަކަކީ، ރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019ގައި ސޮއިކޮށްފައިވާ 'އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން' އަދި 10 ޖަނަވަރީ 2024ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވުމެވެ.
އެގޮތުން 2 އަހަރުދުވަހަށް ދެމިގެންދާ މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، ދަނޑުވެރިކަމުގެ ވިޔަފާރީގައިވެސް މުހިންމު ބާވަތެއްކަމަށްވާ ދިވެހި ރުކަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުންކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަށް ބޯޑަރުހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުންކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައި ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް، ރާއްޖޭއައިސް ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއެކު މުހިންމު މަޝްވަރާތަކެއްވެސް ކޮށްފައެވެ.
އެގޮތުން މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް މެނޭޖްމަންޓް އެސިސްޓަންސް ޕްރޮޖެކްޓް" ގެ ތަންފީޒީ ތަފްސީލުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައިކަމަށެވެ. މީގެއިތުރުންވެސް ރުއްގަހަށް ދިމާވަމުން އަންނަ ބައެއް އެހެނިހެން ބޮޑެތި މައްސަލަތައްވެސް ތަޙްލީލު ކުރުމަށްވަނީ މިބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ. ޗައިނާގެ ތަޖުރިބާކާރުންގެ ޓީމް ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް ޒިތާރަތްކޮށް ބަލިތައް ދެނެގަތުމުގެ މަސައްކަތްވެސް ކޮށްފައެވެ.
ރާއްޖޭގައި ގަސްތަކަށްޖެހޭ ތަފާތު ވައްތަރުގެ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް މިހާތަނަށް ރާއްޖޭގައި ޤާއިމުވެފައި ނެތުމުގެ ސަބަބުން ބަލިތައް ތަހުލީލުކޮށް އެއަށްދޭންޖެހޭ ފަރުވާ ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި ޤައުމީ ފެންވަރުގެ ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ކާއްޓާއި ކުރުނބާ ލިބުން ދަތިވެފައިވުމާއެކު އެކަމަށް ހައްލެއް ގެނައުމަށްޓަކައި 4 އަހަރުގެ މުއްދަތައް ނޭޝަނަލް ކޮކްނަޓް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ވަނީ ފަށާފައެވެ.