ޚަބަރު

މޫދަށް ގޮސް އުޅެނިކޮށް ނިޔާވި 15 އަހަރުގެ ކުއްޖާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ


  • މި ހާދިސާ ހިނގީ ރޭ 19:00 އެހާއިރު

  • ކުއްޖާގެ ހަޑިގަނޑު ފެނުނީ ފުލުހުންނާ އެމްއެންޑީއެފުން ހޯދަމުން ދަނިކޮށް

މޫދަށް ގޮސް އުޅެނިކޮށް 15 އަހަރުގެ ކުއްޖާ ނިޔާވި ޙާދިސާއާ ގުޅިގެން އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއްކަމަށެވެ.

އދ. މާމިގިލީގައި ރޭ ހިނގި މިހިތާމަވެރި ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާ، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްއެދި އެމަނިކުފާނުވަނީ ދުޢާ ކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ، މާމިގިލި ކައިރިއަށް ފީނަން ދިޔަ 4 ކުދިން ހިމެނޭ ގްރޫޕެއްގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖެއް ގެއްލިގެން ރިޕޯޓްކުރީ ރޭ 7:00 ހާއިރުކަމަށެވެ.

ލޫތުގެ ހަށިގަނޑު ފެނިފަވަނީ، ފީނަށް ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހަށް ރިޕޯޓްކުރަމުން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.