ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވާއިރު، އެއާޕޯޓު ރެޕުންނަށް ޚާއްސަ ސަރަޙައްދަކާއެކު ގިނަ ލުއިފަސޭހަތައް ލިބިގެންދާނެކަމަށް މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
ވިއައިއޭގައި ރިސޯޓުތަކާއި ގެސްޓްހައިސްތައް އަދި އެހެނިހެން ޚިދުމަތްތަކުގައި ފަތުރުވެރިންނަށް އެހީތެރިވުމަށް ތިބޭ ރެޕުން މިވަގުތު ވީއައިއޭގައި ތިބެނީ އެއް ސަރަޙައްދެއްގައެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް ޓަރމިނަލްގެ އެރައިވަލް އޭރިއާއަށްވުމާއެކު އެ ސަރަޙައްދަށް ވަރަށް ބޮޑަށް ބާރުވޮޑުވެގެންދެއެވެ. ޚާއްސަކޮށް ޕީކް ވަގުތުތަކުގައި ގެސްޓުން ގޮވައިގެން އެ ޚިދުމަތްތައް ދިނުމަށް ރެޕުންނަށް އެކިކަހަލަ ދަތިތަކާ ކުރިމަތިވެއެވެ. އަދި މިއީ އިންޓަރނޭޝަނަލް ޓަރމިނަލާ ޑޮމެސްޓިކް ޓަރިނަލް ގުޅޭ ސަރަޙައްދަށްވުމާއެކު، އޭގެ ދަތިތައްވެސް ކުރިމަތިވެއެވެ.
ރެޕުންނަށް ޚާއްސަކޮށް ސަރަޙަދެއް ނެތުމާއެކު، ގިނަ ރެޕުން ތިބެނީ ވަރަށް ހޫނުގައި، ތޮއްޖެހުން ބޮޑުކޮށެވެ. އަދި މިއީ ފްލައިޓްތަކުގެ ޝެޑިއުލްތައް އޮންނަގޮތުން ވަރަށް ގިނަ ވަގުތު ޚިދުމަތުގައި ވަގުތު ހޭދަކުރަންވެސް ޖެހޭ މަސައްކަތެކެވެ. މީގެއިތުރުން ސެކިއުރިޓީ ޗެކިން ނިންމާ، ފަތުރުވެރިން ޗެކިން ކައުންޓަރަށް ދާންދެން އެމީހުންގެ ލަގެޖުގެ ކަންކަންވެސް ބަލަހައްޓަނީ އެ ކުޑަ ޖާގައިގައި ތިބެގެންނެވެ.
އެމްއޭސީއެލްއިން ވިދާޅުވީ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވިގެންދާއިރު، އެ ޓަރމިނަލްގެ އެރައިވަލް ސަރަޙައްދުގައި އެއަރޕޯޓް ރެޕުންނަށް ޚާއްސަ ސަރަޙައްދެއް ޤާއިމުކޮށްފައި ހުންނާނެކަމަށެވެ. އަދި މިއީ އެއަރޕޯޓްގެ އެންމެ ޕްރީމިއަމް ޒޯންއަށްވާއިރު، އެ ސަރަޙައްދު އޮންނަނީ އެއަރކޯންކޮށް ފިނިކޮށްފައެވެ.
އަދި އެއަރޕޯޓް ރެޕުންނަށް ފާޚާނަ ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމްތައްވެސް ހަމަޖެހިފައި ހުންނާނެއެވެ. އެމްއޭސީއެލްއިން ވިދާޅުވީ އާ ޓާމިނަލާއެކު ޑިޕާޗާ ހޯލަށް ފަސިންޖަރު ވަނުމާއެކު، ފަސިންޖަރުގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދާނީ އެއާޕޯޓުގެ މުއްޒަފުންކަމަށެވެ.
ދެން އެންމެ ބޮޑު ފަސޭހައަކަށްވާނީ އައު ޓަރމިނަލްގެ އެރައިވަލް ސަރަޙައްދުން އެއަރޕޯޓް ރެޕުންނަށް ސީޕްލޭން ޗެކިން ކައުންޓަރުތަކަށް ފަސޭހައިން އެކްސެސް ލިބިގެންދިއުމެވެ. އަދި އެއަރޕޯޓް ބޮޑުވުމާ ޚިދުމަތްތައް އަވަސްވުމާއެކު، ރެޕުން ގެސްޓުން ރިސީވްކުރުމަށް ހޭދަކުރާ ވަގުތުވެސް ކުޑަވެގެންދާނެއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ އައު ޓަރމިނަލާއެކު އެއަރޕޯޓްގެ ރެޕުންނަށް ކުރިން ލިބެމުން އައި އެއްވެސް ޚިދުމަތެއް އުނި ނުވާނެކަމަށާއި، ޚދުމަތްތައް އިތުރުކުރެވި ޚިދުމަތްތައް ދާނީ ލުއިފަސޭހަވެގެންކަމަށެވެ.
އައު ޓަރމިނަލް ތަރައްޤީކޮށް ޚިދުމަތް ފަށާއިރު، މި ޚިދުމަތް ވެގެންދާނީ އެއަރޕޯޓަކުން ޕަސެންޖަރުންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތްތައް ފުރިހަމަ، ވަށާޖެހޭ ޚިދުމަތެއް ދޭ އެއަރޕޯޓަކަށެވެ. އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފަވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. މިއީ އަހަރަކު 7.5 މިލިއަން ޕެސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޓަރމިނަލެކެވެ.