މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލްތަކަށް, ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމާބެހޭ ޤައުމީ އިދާރާއާއި ސަރުކާރުގެ އެކި އިދާރާތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް ރައްޔިތުން އަމަލުކުރަމުންދާކަން ކަށަވަރުކުރުމަކީ ހާދިސާތައް މަދުކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. އަދި މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމައްޓަކައި ދުރާލައި ތައްޔާރުވުމުގެ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މޫސުން ގޯސްވާނެކަމުގެ އިންޒާރު މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ މުއްދަތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް ނުކުރުމަށް ހިތްވަރު ދިނުމަކީ ކައުންސިލްތަކުން ކުރަންޖެހޭ ކަމެއް ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައިވެސް ދަތުރުކުރާ ފަރާތްތަކާއި އުޅަނދުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރުކުރުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމާބެހޭ ގޮތުން އިދާރާތަކުން ދޭ އިރުޝާދުތަކާއެއްގޮތަށް ރައްޔިތުން އަމަލުކުރާކަން ކަށަވަރު ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވަނީ ކައުންސިލްތަކަށް އިލްތިމާސްކުރައްވާފައެވެ. މިކަންކަން ކުރުމަށް ރައްޔިތުންނާ ގުޅިގެން ވަގުތާއި ހާލަތައް ބަލައި ކުރަން ފެންނަ ކަންކަން ފާހަގަކޮށް ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށްވެސް އެ އިދާރައިން ވިދާޅުވިއެވެ. ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އެ އިދާރާއިން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.