ޗެލްސީ ފުޓްބޯޅަ ކުލަބުގެ ސެންޓަރ ބެކް އަދި އިންގްލޭންޑްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓްރޭވޯ ޝަލަބާ ރ. މާކުރަތު ސުކޫލު ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވެއްޖެއެވެ.
ކުރިޔަށް އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ޖޯލި ބީއިން ރިސޯޓްގައި ކުރިޔަށް ގެންދިޔަ ވޯކްޝޯޕެއްގައި ޝަލަބާ ވަނީ ބައިވެރިވެފައެވެ.
މި ވޯކްޝޯޕްގައި ރާއްޖޭގެ ޒުވާންކުދިންނަށް ޝަލަބާގެ ފުޓްބޯޅައިގެ ތަޖްރިބާ ހިއްސާކުރުމާއި އެކު އެ ކުދިންނާއެކު ކުޅެ ވަގުތު ކޮޅެއް ހޭދަކުރުމަކީ ޖޯލި ބީއިން ރިސޯޓުން ރަށްރަށުގެ ކުރިއެރުމަށް ދޭ އެއްބާރުލުމަށް ލިބިގެންދާ ފަހުރުވެރި ކުރިއެރުމެއް ކަމަށް އެ ރިސޯޓުން ބުނެއެވެ.
ޖޯލި ބީއިން ރިސޯޓުން ބުނީ ޝަލަބާ 16-18 އަށް ކުރިޔަށްގެންދިޔަ މި ވޯކްޝޯޕް ހޯސްޓްކޮށްދިނީ ޝަލަބާ ކަމަށާއި، ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ކުރިޔަށް ގެންދިޔަ މި ވޯކްޝޯޕްގައި ޝަލަބާ އިސް ދައުރެއް އަދާކުރި ކަމަށެވެ. މިއީ ޖޯލި ބީއިންގެ "ބީކިޑަލްޓް ސަމަރ" ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށް އެ ރިސޯޓުން ބުނެއެވެ.
ޗެލްސީއަށް ކުޅެމުން އަންނަ ޝަލަބާ އަކީ އުމުރުން އެންމެ 8 އަހަރުގައި ޗެލްސީ އާއި ގުޅި އެ ކުލަބުގެ އެކަޑަމީތެރެއިން އުފެދިގެން އައި ފުޓްބޯޅަ ކުޅުންތެރިއެކެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އިޕްސްވިޗް ޓައުން އާއި ހަޑާސްފީލްޑް ޓައުން އަދި ފްރާސްންގެ ލޮރިއަންޓަށް ވެސް އޭނާ ކުޅެފައިވެއެވެ.
ޗެލްސީގެ ސީނިއާ ޓީމާ ޝަލަބާ ގުޅުނީ 2021 ވަނަ އަހަރުގެ ޔުއެފާ ސުޕަކަޕަށެވެ. އެ މުބާރާތުގައި އޭނާ ޖެހި ޕެނަލްޓީއެއް ކާމިޔާބުކޮށް ޔުއެފާ ސުޕަކަޕް ޗެލްސީއަށް ކާމިޔާބުކޮށްދިނުމަށް އޭނާ އެހީވެދިނެވެ.
އެމެރިކާގައި ދާދިފަހުން ނިމެގެންދިޔަ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށް ޗެމްޕިއަން ޓްރޮފީ އުފުލާލުމަށްފަހު ޝަލަބާ ރާއްޖެ އައި އިރު މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.
އޭނާ ވަނީ އިނގިރޭސި ފުޓްބޯޅަ ކުލަބަށް ޔޫތްލެވެލުގައި 16 ދަށުންފެށިގެން 19 އަހަރުން ދަށުގެ މުބާރާތްތައް ކުޅެދީ 19 އަހަރުން ދަށުގެ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް 2017 ވަނަ އަހަރު އެގައުމަށް ކާމިޔާބުކޮށްދީފައެވެ.