ޚަބަރު

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނު އިޞްލާހުކޮށްފި


ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށައެޅުއްވި އިޞްލާޙު މަޖީލީހުން ފާސްކުރައްވައިފިއެވެ.

އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ އުފެއްދުންތައް ރާއްޖޭގެ މާރކެޓަށް ތަޢާރަފްކޮށް، ވިޔަފާރިތަކަށް ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމުގެ މަޤްޞަދުގައި ހުށައެޅުއްވި މި އިޞްލާޙް މަޖިލީހުން ފާސްކުރައްވާފައިވަނީ މިއަދުގެ ޖަލްސާގައި މިބިލަށް ނެންގެވި ވޯޓްގައި ބައިވެރިވެވަޑައިގެންނެވި ފަސްދޮޅަސް ހަތަރު މެމްބަރުންގެ އިއްތިފާޤުންނެވެ. ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު ހުށަހެޅުއްވި މި ބިލް މަޖިލީހުން ފާސްކުރައްވާފައިވަނީ އެ ބިލް ދިރާސާކުރެއްވި ކޮމެޓީން ހުށައެޅުއްވިގޮތަށެވެ.

img:http://s3.psmnews.mv/images/660x400/7974.jpg|މޯލްޑިވްސް އިސްލާމިކް ބެންކް / ފޮޓޯ: ޕީއެސްއެމް

މިބިލް ހުށައަޅުއްވާފައިވަނީ މިހާރަށްވުރެ ރާއްޖޭގެ މާލީ ސެކިއުރިޓީގެ ނިޒާމް ހަރުދަނާކުރައްވައި ތަރައްޤީކުރައްވައި، އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ ޕްރޮޑަކްޓްތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކުރެއްވުމަށެވެ. މީގެތެރޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއްގައި ޤާއިމްކުރެވޭ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކުރައްވައި، ތަންފީޒްކުރެއްވުމަށް މަގުފަހިކޮށްދެއްވުންވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް ފަންޑް މެނޭޖުކުރުމުގެ ހުއްދަ ދޫކުރުމާބެހޭ އުޞޫލުތައް އެކުލަވާލުންވެސް މި ބިލްގައި ހިމެނެއެވެ. 

މި ފަންޑުތަކަކީ ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ފަންޑުތަކަކަށް ހެދުންވެސް މި ބިލްގައި ގެ މަޤްޞަދުގެ ތެރޭގައި ހިމެނެއެވެ. އިސްލާމިކް ފައިނޭންސަކީ ރާއްޖޭގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ދާއިރާއެއްކަމުން ކެޕިޓަލް މާކެޓްގައި އިސްލާމިކް ސެކިއުރިޓީޒް އިޝޫކުރެވޭނެ މިހާރަށްވުރެ ހަރުދަނާ އިންތިޒާމްތަކެއް ހަމަޖެއްސުންވެސް މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.