ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ސްރީ ލަންކާގެ ޕޯޓްސް އޮތޯރިޓީއާ ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކިރިގިސްތާނުގެ ބިޝްކެކުން ކާމިޔާބުކޮށްފިއެވެ.
މިއަދު މެންދުރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ދެ ސެޓް ބިޝްކެކުން ގެންދިޔައީ 25-22 އަދި 25-20 އިންނެވެ. އެކަމަކު ތިންވަނަ ސެޓު ގެންދިޔައީ 25-23 އިން ނލަންކާގެ ޕޯޓްސް އޮތޯރިޓީންނެވެ. ނަމަވެސް ބިޝްކެކުން ވަނީ ހަތަރުވަނަ ސެޓު 25-20 އިން ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއިއެކު ބިޝްކެކް ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.
މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.