ޚަބަރު

މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން އާގިލް އާއި ސައްޔިދަށް


މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ސާފް ލީގު 2025 ގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ މެންސް އޯޕަންގެ ޗެމްޕިއަންކަން އަޙްމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.

އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިސްމާއިލް ރަޝީދު އާއި ވާދަކޮށް 12.07 ގެ ނަތީޖާއަކުންނެވެ. އާގިލް މެންސް އޯޕަންގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ކަޔާން އަބުދުالله އަރީފް ބަލިކޮށްގެންނެެވެ. އިސްމާއިލް ރަޝީދު ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ސައްޔިދު ސަލާހުއްދީން ބަލިކޮށްގެންނެވެ.

މީގެ އިތުރުން މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސައްޔިދު ސަލާހުއްދީންނެވެ. އޭނާ މި ކެޓެގަރަިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަލިކޮށް 18.00ގެ ނަތީޖާއަކުންނެވެ.

ސައްޔިދު ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި އަހުމަދު ލުޒައިން ބަލިކޮށްގެންނެވެ. ކަޔާން ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ޔާސިން އަހުމަދު ނާޝިދު ބަލިކޮށްގެންނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މުލީ ކައުންސިލް އަދި މ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މުލީކޮޅު ރާޅުގަނޑު މުބާރާތަކީ މިއަހަރުގެ ލީގުގެ ފުރަތަމަ އިވެންޓެވެ.

‎މި މުބާރާތުގައި ޖޫނިއަރ 18 އަހަރުން ދަށުގެ ފިރިހެން ޝޯޓް ބޯޑް އިވެންޓުގައި 21 އެތުލީޓުން ވާދަކުރިއެވެ. އަދި މެންސް އޯޕަން ޝޯޓް ބޯޑް އިވެންޓުގައި 22 އެތުލީޓުން ވާދަކުރިއެވެ.

މުލީކޮޅު ރާޅުގަނޑަށް ފަހު މިއަހަރުގެ ލީގުގެ ދެވަނަ މުބާރާތް އޮންނާނީ ސެޕްޓެމްބަރުގައެވެ. ކެރަންޑޫގެ ނަމުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތް އޮންނާނީ ލ. މާބައިދޫ މެޝިން ސާފް ބްރޭކްގައެވެ. ދިވެހި ސާފް ލީގުގެ ފައިނަލް އިވެންޓް، ރަންނަމާރި ޗެލެންޖު އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ.