ޚަބަރު

އަމާޒަކީ ކޮންމެ ފަންތިއެއްގެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައިދިނުން: ވަޒީރު ޑރ.މުއްޠަލިބް


  • އަމިއްލަ ޑިވްލޮޕަރުންނަށް މާލެއިން ބޭރުގައި ހައުސިންގ މަޝްރޫޢުތައް ހިންގަން ރައީސްގެ މުހިންމު ތަސައްވުރެއް

  • ތަރައްޤީއާއި ފުދުންތެރިކަމަކީ މިނިވަންކަމުގައި ދެމި ތިބުމަށް ކޮންމެހެން ބޭނުންކަމެއް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ފައްތިއެއްގެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައިދިނުންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އާރުސީސީން ކުޑަހުވަދޫގައި ތަރައްޤީކުރާ ހައުސިންގ ޕްރޮޖެކްޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރ ބައިވެރިކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން އެފޯރޑަބަލް ހައުސިންގގެ ގޮތުގައި ޕްރައިވެޓް ސެކްޓަރއިން ރާއްޖޭގެ ރަށެއްގައި ފެށި މިފަދަ ފުރަތަމަ މަޝްރޫއުގެ ބިންގާއެޅުމަކީ ލިބިގެންދިޔަ ބޮޑު ޝަރަފެއްކަން ވަޒީރު ފާހަގަކުރައްވާފައެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، އަމިއްލަ ޑިވެލޮޕަރުންނަށް ގްރޭޓަރ މާލޭ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ފުރުޞަތުދީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފަހިވާނެގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ތަސައްވުރެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ. އެގޮތުން ފުއްދުންތެރި ފަރާތްތަކާއި އަމިއްލަ ފުއްދުންތެރިކަން ނެތް ފަރާތްތަކަށް ޚާއްސަކޮށްގެން ހައުސިންގގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން މާނަކުރަނީ އަމިއްލައަށް ތަނެއް ގަނެވޭ ފެންވަރުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ސަރުކާރުން އަޅާ ސޯޝަލް ހައުސިންގެ ތެރެއިން ފުރުސަތު ހޯދައިދިނުން. އަދި ލިބޭ އާމްދަނީގެ ގޮތުން ތަންތަން ގަނެވޭ ފަދަ ފުދުންތެރި ފަރާތްތަކަށް އެފޯރޑަބަލް ހައުސިންގ ޕްރައިވެޓް ސެކްޓަރއާއި ގުޅިގެން ކުރިއަށްގެންދާ ހައުސިންގ ތެރެއިން ފުރުސަތު ހޯދައިދިނުން. އަދި އެޔަށްވުރެ މުއްސަނދި ފަރާތްތަކަށް ލަގްޒަރީ ފެންވަރުގައި އަޅައި ޕްރޮޖެކްޓުގެ ތެރެއިން ހައުސިންގ ޔުނިޓުތައް ގަތުމުގެ ފުރުސަތު ހޯދަދިނުން." ވަޒީރު ވިދާޅުވިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސަރުކާރުން އިއުލާން ކުރައްވާފައިވާ 65000 ހައުސިންގ ޔުނިޓްގެ މާނައަކީ ހަމައެކަނި ސޯޝަލް ހައުސިންގ އެޅުމެއް ނޫންކަމަށެވެ. އަދި އެފަދަ މަޝްރޫއެއް ހިންގުމަކީ މިފަދަ ކުޑަ ދައުލަތަކުން ބޮޑު ޚަރަދެއް ކުރަން ޖެހޭނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮންނައިރު 50އަށްވުރެ ގިނަ ރަށުގައި 500 މީހުން ހަމަނުވާކަމަށެވެ. މިއިން ކޮންމެ ރަށަކަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު އެއީ ދަރަނި ނަގައިގެންނޫނީ ނުކުރެވޭ ވަރުގެ ޚަރަދުތަކެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ޤާނޫނު އަސާސީގައި ވާގޮތަށް ދިވެހި ކޮންމެ ރައްޔިތަކު ހިޔާރުކުރާ ތަނެއްގައި ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު އޮތްކަން ކޮންމެ ރަށަކުންވެސް ޤަބޫލްކުރަން ޖެހޭކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުޞަތާއި ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމާއި ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ލިބޭ ރަށްރަށަށް ހިޖުރަކުރުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިސްނަންވީ ކުރިއެރުމަށް ތަރައްޤީއާއި ގުޅިގެން ފާގަތި ތަނަވަސް މުޖްތަމައެއް ބިނާކުރުމަށްކަމަށާއި ތަރައްޤީއާއި ފުދުންތެރިކަމަކީ މިނިވަންކަމުގައި ދެމި ތިބުމަށް ކޮންމެހެން ބޭނުންކަމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.