ކުޅިވަރު

އިނގިރޭސިންގެ ޝޫޓްއައުޓް 7.4 މިލިއަން މީހުން ބަލައިފި


އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިވިލާތާއި ސްވިޑްން ކުޅުނު މެޗުގެ ޕެނަލްޓީ ޖެހި ވަގުތު ޓީވީ ބެލި މީހުންގެ އަދަދު ރެކޯޑަކަށް އަރައިފި އެވެ.

ބީބީސީން ބުނީ އެ ކުންފުނީގެ ޗެނަލްތަކުން އެކަނި ވެސް 7.4 މިލިއަން މީހުން އެ މަންޒަރު ބެލި ކަމަށެވެ. ޕެނަލްޓީ ޖަހައިގެން ސްވިޑްން އަތުން 3-2އިން އިނގިރޭސިން މޮޅުވި ކުއާޓާ ފައިނަލް މެޗަކީ މިހާތަނަށް އެންމެ ގިނަ މީހުން ބެލި މެޗެވެ. ޓީވީން މިހާ ގިނަ އަދަދެއްގެ ބަޔަކު މި މެޗު ބަލާފައިވާއިރު އޮންލައިންކޮށް ތިން މިލިއަން މީހުން ވަނީ މެޗު ބަލައިފަ އެވެ. އަދި ބީބީސީގެ ވެބްސައިޓުން ލައިވް ޓެލެކާސްޓް 8.3 މިލިއަން މީހުން ފޮލޯ ކުރަމުންދިޔަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސްވިޒަލޭންޑްގައި މިހާރު ކުރިއަށް ދާ މުބާރާތުގައި މިހާރު ކުރިއަށް ދަނީ ކުއާޓާ ފައިނަލް މެޗުތަކެވެ. މި ގޮތުން މިހާރު ބާކީ އޮތް މެޗަކީ މިރޭ ފްރާންސާއި ޖަރުމަނު ވިލާތް ބައްދަލު ކުރާ މެޗެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އިނގިރޭސިވިލާތާއި އިޓަލީ އާއި ސްޕޭނެވެ. އިޓަލީ ސެމީ އަށް ދަތުރު ކުރީ ނޯވޭ އަތުން 2-1އިން މޮޅުވެގެންނެވެ. ސްޕޭން ސެމީ އަށް ދިޔައީ ރޭ 2-0އިން ސްވިޒަލޭންޑް ބަލިކޮށްގެންނެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ) އިން ބުނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލާ އަދަދު ވަރަށް ބޮޑުތަކުން އިތުރުވެފައިވާ ކަމަށެވެ. މި ގޮތުން ޓިވީން މެޗު ބަލާ އަދަދު އިތުރުވެފައިވާއިރު ދަނޑަށް ވަންނަ މީހުންނާއި އޮންލައިންކޮށް މެޗުތައް ބަލައި އަދި ފޮލޯ ކުރާ އަދަދު ވެސް ވަރަށް ބޮޑުތަކުން އިތުރުވެފައިވާ ކަމަށެވެ. މިއީ ފާއިތުވެދިޔަ ދެތިން އަހަރު ތެރޭގައި އަންހެނުންގެ ފުޓްބޯޅަ ކުރިއަރާފައިވާކަން ސާބިތުކޮށްދޭ އަދަދުތަކެއް ކަމަށެވެ.