ކުޅިވަރު

ކާވާ މެންސް ޗެމްޕިއަންސް ލީގު: ވާދަވެރި މެޗަކަށްފަހު ބިޝްކެކުން ފައިނަލުގެ އުންމީދު ބޮޑުކޮށްފި


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު 3-2 ސެޓުން ބަލިކޮށް ކިރިގިސްތާނުގެ ބިޝްކެކުން ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު މެންދުރު ކުރިއަށްދިޔަ މެޗުގެ ފުރަތަމަ ސެޓު 25-20އިން ބިޝްކެކުން ނެގި ނަމަވެސް ހެލްޕް ނޭޕާލުންވަނީ ފަހަތުން އަރާ ދެވަނަ ސެޓު 28-26އިން ކާމިޔާބުކޮށްފައެވެ.

ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މިމެޗުގެ ތިންވަނަ ސެޓު ބިޝްކެކުން 25-20ގެ ނަތީޖާއަކުން ކާމިޔާބުކޮށް އުންމީދު އައު ކުރުމާއެކު، ހެލްޕު ނޭޕާލުންވަނީ އަނެއްކާވެސް އިތުރު ހިތްވަރަކާއެކު ނުކުމެ 25-17އިން ހަތަރުވަނަ ސެޓު ގެންގޮޮސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ހަމަހަމަ ނަތީޖާތަކެއް ނުކުންނަމުން ދިޔަ މިމެޗުގެ ފަސްވަނަ ސެޓާ ހަމައަށް ދިޔައިރު ދެ ޓީމުގެ ފަރާތުންވެސް ވަރުބަލިކަން ފެންނަމުންދިޔައެވެ. ވާދަވެރިކޮށް ދިޔަ މި މެޗުގެ ފަހު ސެޓު ކިރިގިސްތާނުގެ ބިޝްކެކުން 4 ޕޮއިންޓުގެ ލީޑަކާއެކު ކާމިޔާބުކޮށްފަވާއިރު މިސެޓުގެ ނަތީޖާއަކީ 15-11 އެވެ.