މިޞްރުގައި ޣައިރު ޤާނޫނީ ޖަމާޢަތެއް ކަަމަށް ކަނޑައަޅާފައިވާ އިޚުވާނުލް މުސްލިމީންގެ ހަތިޔާރު އެޅި ގޮފިން އެ ޤައުމުގެ ސަލާމަތީ އަދި އިޤްތިޞާދީ މަރުކަޒުތަކަކަށް ދޭން އުޅުނު ޙަމަލާތަކެއް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ނާކާމިޔާބުކޮށްލައިފިއެވެ.
މިޞްރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޙަމަލާ ރޭވުމުގައި އިސްކޮށް ޙަރަކާތްތެރިވީ ހަސްމު މޫވްމަންޓާ ގުޅުންހުރި ބައެއް ކަމަށެވެ. އެއީ އިޚުވާނުލް މުސްލިމީންއާ ގުޅުންހުރި ޖަމާއަތެކެވެ.
އެ ވުޒާރާއިން ބުނީ ހަސްމު މޫވްމަންޓުން މިޞްރުގައި އަލުން ޙަރަކާތްތެރިވުމަށާއި އަދާވާތްތެރި ޢަމަލުތައް ހިންގުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ޖަމާޢަތުން ރޭވީ، ކަމާބެހޭ އިދާރާތަކުން ހޯދަމުންދާ މީހެއް އަވަށްޓެރި ޤައުމަކުން މިޞްރާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގެއް ހުރަސްކޮށް އެ ޤައުމަށް އެތެރެކުރާށެވެ. އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ، ހަސްމު މޫވްމަންޓަށް ނިޞްބަތްވާ އެ މީހާ މެދުވެރިކޮށް މިޞްރުގެ ސަލާމަތީ މަރުކަޒުތަކާއި އިޤްތިޞާދީ މަރުކަޒުތަކަށް ޙަމަލާދިނުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނީ އެ ރޭވުމުގެ ފަހަތުގައި ތިބި ހަސްމު މޫވްމަންޓުގެ އިސްވެރިން މިޞްރުގެ ޤައުމީ ސަލާމަތީ ކަންތައްތަކާބެހޭ އިދާރާއިން ދެނެގަނެފައިވާ ކަމަށެވެ. އޭގެ އިތުރުން މިޞްރުގެ ވެރިރަށް، ޤާހިރާގައި ހުންނަ ބޫލާޤް އަވަށުގައި ކުރިއަށް ގެންދިޔަ ސަލާމަތީ ޙަރަކާތެއްގައި އެ ޖަމާޢަތުގެ އިތުރު ބަޔަކު ހޯދާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މިޞްރުގެ ސަލަމަތީ ބާރުތަކުން ހަސްމު މޫވްމަންޓުގެ ހަނގުރާމަވެރިން ފިލައިތިބި ތަން ރޭޑުކޮށްފައިވާ ކަމަށެވެ. ސަލާމަތީ ބާރުތަކުން އެ ސަރަޙައްދަށް ދިޔުމުން އެ ޖަމާޢަތުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ބަޑިޖަހަން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެއާއެކު ސަލާމަތީ ބާރުތަކަށް އެ މީހުންގެ ޙަމަލާތަކަށް ރައްދުދޭން ޖެހުނު ކަމަށް ބުނެފައިވެއެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރި ޙަމަލާތަކުގައި ދެ ހަނގުރާމަވެރިންނާއި އެ ސަރަޙައްދުން ދިޔަ އާއްމުންގެ މީހަކު ވަނީ މަރުވެފައެވެ. އާއްމުންގެ މީހާ ސަލާމަތްކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހަކަށް ވެސް ޒަޚަމްވެފައިވެއެވެ.
ދާޚިލީ ވުޒާރާއިން ބުނީ މި ކަން ހިނގާފައި ވަނީ ހަސްމު މޫވްމަންޓުން އެ ޖަމާޢަތުގެ ހަނގުރާމަވެރިން އަވަށްޓެރި ޤައުމެެއްގެ ހަނަފަސް ސަހަރާއެއްގައި ތަމްރީނުތައް ހަދަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް މީސްމީޑިޔާގައި ޙިއްޞާކޮށްފައިވާ ދުވަސްވަރެއްގައި ކަމަށެވެ. އެ ވީޑިޔޯގައި މިޞްރަށް ޙަމަލާ ދޭނެކަމުގެ އިންޒާރު ދީފައިވެއެވެ.
ހަސްމު މޫވްމަންޓަކީ އިނގިރޭސިވިލާތާއި އެމެރިކާއިން ވެސް ނިރުބަވެރި ޖަމާޢަތެއް ކަމަށް ކަނޑައަޅާފައިވާ ޖަމާޢަތެކެވެ.