ކުޅިވަރު

އެޑަސަން ގަލަޓަސަރާއީ އަށް ވިއްކާލައި ސިޓީގެ ކީޕަރަކަަށް ޓްރަފޯޑް


މެންޗެސްޓާ ސިޓީ އަށް އެ ކުލަބުގެ އެއް ވަނަ ކީޕަރު ބްރެޒިލްގެ އެޑަސަން ނުހިފެހެއްޓިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ތުރުކީގެ ގަލަޓަސަރާއީން ވަނީ އޭނާ ގަތުމަށް ތިން މިލިއަން ޔޫރޯ ހުށަހަޅައިގަ އެވެ. އުމުރުން 31 ކީޕަރު ދޫކޮށްލަން ސިޓީން ވިސްނަމުން ދަނީ އޭނާގެ ކުޅުން ދަށްވެފައިވާތީ އެވެ. ނަމަވެސް މިކަމުގައި ކޯޗު ޕެޕް ގާޑިއޯލާ އަދި ވަކި އެއްޗެއް ނުބުނާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

އެޑަސަން ވިއްކާލަން ސިޓީން ބޭނުންވީ އޭނާގެ ކޮންޓްރެކްޓް އައު ކުރެވިފައިނުވާތީ އެވެ. ކުރި އަށް އޮތް ސީޒަނާއެކު ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ކޮންޓްރެކްޓް އައު ކުރުމަށް މަޝްވަރާ އެއް ވެސް ނުކުރެ އެވެ.

އެޑަސަން ގަތުމަށް ހުސްވި ސީޒަނުގެ ކުރީކޮޅު ސައޫދީގެ ކުލަބުތަކުން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ސިޓީން އޭރު އޭނާ ނުވިއްކީ އެވެ.

އޭނާ ވިއްކާލަން މެނޭޖްމަންޓުން މުޅިން ނިންމައިފިނަމަ ސިޓީން ގެނައުމަށް މަސައްކަތް ކުރަނީ އިނގިރޭސި 22 އަހަރުގެ ކީޕަރު ޖޭމްސް ޓްރަފޯޑެވެ. އޭނާ އަކީ ބާންލޭގެ ކުޅުންތެރިއެކެވެ. މީގެ ދެ އަހަރު ކުރިން ސިޓީން އޭނާ ބާންލޭ އަށް ދޫކޮށްލީ އަލުން ގަންނަން ޖެހިއްޖެނަމަ އެކަން 40 މިލިއަން ޔޫރޯ އަށް ނިމޭ ގޮތް ހަދައިފަ އެވެ. މިހެންވެ ސިޓީން މިވަގުތު މަސައްކަތް ކުރަމުންދަނީ އޭނާ ގަތުމަށެވެ. ޓްރަފޯޑް ވަނީ ހުސްވި ސީޒަނުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ސިޓީގައި މި ވަގުތު އެޑަސަން އަށް ފަހު ކީޕަރުކަން ހުރި މީހަކީ ސްޓެފަން އޮރްޓޭގާ އެވެ. އޭނާ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ކުޅެން ލިބުނު މަދު މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.