ކުޅިވަރު

10 ނަންބަރެއް ނޫން، ޑިބްރޭނާ އަށް 11


އިޓަލީގެ ކުލަބު ނަޕޯލީގައި ކެވިން ޑިބްރޭނާ ބޭނުން ކުރާނީ 11 ނަނަ ބަރު ކަމުގައި ހަމަޖައްސައިފި އެވެ.

މިކަން ކަށަވަރުވީ ޑިބްރޭނާ ޕްރެކްޓިހުގައި 10 ނަންބަރު ބޭނުން ކުރުމުން އޭނާ އިޓަލީގެ ޗެމްޕިއަން ޓީމުގައި ލާނީ 10 ނަންބަރު ކަމުގައި ވަރަށް ގިނަ ބަޔަކު ޔަގީންކޮށްގެން ތިއްބަ އެވެ.

ނަޕޯލީގެ 10 ނަންބަރު ހާއްސަ ކޮށްފައިވަނީ އެ ކުލަބުގެ ލެޖެންޑް އަދި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ އަށެވެ. މިހެންވެ ބެލްޖިއަމްގެ މިޑްފީލްޑަރު ބުނީ ޕްރެކްޓިހުގައި 10 ނަންބަރު ބޭނުން ކުރި ނަމަވެސް އެ ނަންބަރަކީ މަރަޑޯނާގެ ނަންބަރު ކަމަށެވެ. އަދި އޭނާ ބޭނުންވަނީ އެއްވެސް ކުޅުންތެރިއެއްގެ ހިޔަނީގައި މަސައްކަތް ކުރުމަށްވުރެ ބޮޑަށް އަމިއްލަ ވަންތަ ގޮތަކަށް އުޅެން ކަމަށާއި 11 ނަންބަރ އިހްތިޔާރު ކުރީ އެހެންވެ ކަމަށެވެ.

"މަރަޑޯނާ އަކީ މަރަޑޯނާ. އޭނާ އަކީ މި ކުލަބުގެ ލެޖެންޑެއް. އޭނާގެ 10 ނަންބަރު ޕްރެކްޓިހުގައި ލާން ލިބުމުން އަހަރެން ވަރަށް އުފާވި. އެ ޖާޒީގެ ބަރުދަނަ އަހަންނަށް އިހުސާސް ކުރެވުނު. ނަމަވެސް އަހަރެން ބޭނުންވަނީ އަހަރެންގެ ގޮތުގައި ކުރިއަށް ދާން،" ޑިބްރޭނާ ބުންޏެވެ.

މެންޗެސްޓާ ސިޓީ އަށް 10 އަހަރު ކުޅުމަށް ފަހު އިޓާލިއަން ލީގަށް ބަދަލުވި ކުޅުންތެރިޔާ ބުނީ ނަންބަރަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް ބައެއް ފަހަރު ކަންކަން ތަފާތު ގޮތަކަށް ކުރުމަކީ ވެސް ކުރިއެރުމެއް ކަމަށެވެ.

އުމުރުން މިހާރު 33 އަހަރުގެ ކުޅުންތެރިޔާ ބުނީ ނަޕޯލީ އަކީ އިޓަލީގެ ޗެމްޕިއަން ޓީމުގައިވި ނަމަވެސް އެ ޓީމު އަދިވެސް އަންނަނީ ކުރިއަރަމުން ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ސްކޮޑުގައި އެބަހުރި ކަމަށެވެ. އަދި އޭނާ އުއްމީދު ކުރަނީ ނަޕޯލީގައި ރަނގަޅު ކުޅުމެއް ދައްކައި ކުލަބަށް އިތުރު ކާމިޔާބީ ހޯދައިދެވޭނެ ކަމަށެވެ.