ޚަބަރު

ހެނބަދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


ނ. ހެނބަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

ހެނބަދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ހެނބަދޫގައި ހުންނަވާ "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިއީ ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާފަދައިން ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާރަށެއްގައިވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުމަށްޓަކައި ފެށިގެންދާ މަޝްރޫއެއް ކަމަށެވެ.

އަދި ހެނބަދޫގައި ގާއިމުކުރާ މި ފިޓްނަސް ސެންޓަރުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރިޔަށް ގެންދަވާ ރައީސްގެ ވައުދުފުޅުތައް ނިންމެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހެނބަދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ނޫނު އަތޮޅަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.