އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރެއްވުމާގުޅިގެން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އުއްތަމަ ފަނޑިޔާރު މުޢުތަޞިމް މިއަދުން ފެށިގެން މަޤާމުން ރިޓަޔަރކުރައްވާފައިވާތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.
އެ މަޤާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ހުރުމެވެ. އެ މަޤާމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް 2019 ވަނަ އަހަރު އައްޔަން ކުރެއްވި އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރަފްވެރިކަމާއެކު މަޤާމުން ރިޓަޔާވެވަޑައިގަތް ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މުޢުތަޞިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން މީގެކުރިންވެސް ކުރައްވައިފައެވެ.
މުޢުތަޞިމް ރިޓަޔަރކުރެއްވުމުން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ވަނީ ހަވާލުކުރައްވާފައެވެ.