ކުޅިވަރު

އާސެނަލްގައި ކުޅުންތެރިން އަދިވެސް މަދު: އާޓެޓާ


އާސެނަލްގައި އަދިވެސް ކުޅުންތެރިން ތިބި އަދަދު މަދު ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުރި އަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އޭޝިޔާ އަށް ކުރާ ދަތުރަށް ތައްޔާރުވަމުންނެވެ.

ހުސްވި ތިން ސީޒަނުގައި ވެސް ޕްރެމިއާ ލީގުގެ ދެ ވަނަ ހޯދި އާސެނަލް ތަށި ހޯދުމަށް ތައްޔާރުވުމަށް މި ސީޒަނުގައި މިހާތަނަށް ވަނީ ކުޅުންތެރިން ގަތުމަށް 123 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. އަދިވެސް އިތުރު ދެ ކުޅުންތެރިއަކު ގަތުމަށް އެ ކުލަބުން ދަނީ ވާހަކަ ދައްކަމުންނެވެ.

އާސެނަލް އަށް ގަނެފައިވާ ކުޅުންތެރިންނަކީ ސްޕޭނުގެ މާޓިން ޒުބިމެންޑީ އާއި ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ އާއި ކްރިސްޓިއަން ނޯގާޑާއި އިނގިރޭސި މިޑްފީލްޑަރު ނޯނީ މަޑުއޭކޭ އެވެ. ޓީމަށް ގެނައުމަށް ވާހަކަ ދައްކަމުން ދަނީ ޕޯޗުގަލްގެ ސްޕޯޓިންގެ ފޯވަޑް ވިކްޓަރ ޔޯކެރެސް އާއި ވެލެންސިއާގެ ޒުވާން ޑިފެންޑަރު ކްރިސްޓިއަން މޮސްކުއޭރާ އެވެ.

"އަހަރެން ޓީމުގައި ނެތް އެއްވެސް ކުޅުންތެރިއަކާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ނެތިން. އެކަމަކު ޔަގީން ކަމާއެކު އަހަންނަށް އެނގޭ ކަމަކީ އަހަރުމެން ޓީމަށް އަދިވެސް ކުޅުންތެރިން ބޭނުންވާ ކަމަށެވެ. ޓްރާންސްފާ މާކެޓުގައި އަދިވެސް ވަރަށް ދުވަސް އެބައޮތް. ވަރުގަދަ ޓީމެއް ބިނާ ކުރުމަށް ސްކޮޑުގައި ވަރު ހުންނަން ޖެހޭ. އެކަން ކުރެވޭނީ ކުޅުންތެރިން ތިބެގެން،" އާޓެޓާ ބުންޏެވެ.

އޭނާ އަދި ބުނީ ޓީމު ވަރުގަދަ ކުރުމަށް އާސެނަލްގެ މެނޭޖްމަންޓުން މިހާތަނަށް ކުރި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"މި ވަގުތާ ހަމައަށް ބަލާއިރު މިދިޔަ 10 ނޫނީ 15 ވަރަކަށް ދުވަހު އަހަރުމެންނަށް ކުރެވުނު މަސައްކަތާމެދު އަހަރެން ހިތްހަމަ ޖެހޭ. ދެން ޓީމަށް އާ ކުޅުންތެރިން ލިބުމަކީ ވަރަށް ހިތްހަމަ ޖެހުނު ކަމެއް. މީގެ ސަބަބުން ޓީމުގެ ރޫހު ރަނގަޅު ވާނެ. އާ ކުޅުންތެރިންނާއެކު އިތުރު ފޯރިއަށް ޓީމަށް ލިބިގެންދާނެ،" އާޓެޓާ ބުންޏެވެ.

އާސެނަލް މިހާރު ތައްޔާރުވަމުން ދަނީ އަންނަ މަހު ފަށާ އާ ސީޒަނުގެ ކުރިން އޭޝިއާގައި މެޗުތަކެއް ކުޅުމަށެވެ. މި ގޮތުން ސިންގަޕޫރުގައި ނިއުކާސަލް އާއި އިޓަލީގެ އޭސީ މިލާނާ އެކު މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖައްސާފަ އެވެ.