ޚަބަރު

ރާއްޖޭގެ މަސްވެރިންތަކެއް ޖަޕާނަށް ތަޖުރިބާ ދަތުރެއްކޮށްފި


ރާއްޖޭގެ މަސްވެރިކަމުގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގެ މަސައްކަތުގެ ދަށުން، ފިޝަރީޒް މިނިސްޓްރީގެ ޓީމަކާއި ރާއްޖޭގެ މަސްވެރިން ޖަޕާނަށް ތަރުޖިބާ ދަތުރެއްކޮށްފިއެެވެ.

ދިވެހި މަސްވެރިނާއި ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ޖަޕާނަށް ކުރެއްވި މިދަތުރަކީ ޖަޕާން ސަރުކާރުގެ އެހީގައި ހިންގަވާ ރާއްޖޭގެ މަސްވެރިކަމުގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގެ މަސައްކަތުގެ ދަށުން ކުރެއްވި ތަމްރީން ދަތުރެކެވެ. މި ދަތުރުގައި ރާއްޖޭގެ 5 އަތޮޅަކުން ހޮވާލެވުނު 5 މަސްވެރިންނާއި ފިޝަރީޒް މިނިސްޓްރީގެ 5 ބޭފުޅުން، ބައިވެރިވެފައިވެއެވެ. މިދަތުރުގައި ޖަޕާނުގައި ދޮށީގެ މަސްވެރިކަން ކުރާ ގޮތާއި، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާގޮތުގެ އަމަލީ ތަޖުރިބާކޮށް އެޤައުމުގައި މަސްވެރިކަން ކުރާ ގޮތުގެ މަޢުލޫމާތު ބައިވެރިން ހޯދައިފައިވާކަމަށް، ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/14702306979548.jpg|ޖަޕާނަަށް ދިޔަ ދިވެހި މަސްވެރިން-

އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކް ވިދާޅުވީ، މި ދަތުރަށް މަސްވެރިން ހޮވާފައިވަނީ އާންމުކޮށް އިއުލާންކޮށްގެން މިކަމަށް ކުރިމަތިލީ މަސްވެރިންގެ ތެރެއިން ކަމަށެވެ. އެގޮތުން މި ދަތުރުގައި މީހުން ހޮއްވެވުމުގެ އެ މިނިސްޓްރީން ޒުވާން މަސްވެރިންނަށް އިސްކަންދެއްވާފައިވާނެކަމަށް ވިދާޅުވިއެވެ. މަސްވެރިކަމުގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި މަސައްކަތުގެ ދަށުން މިއަހަރާއި އަންނައަހަރުވެސް މިފަދަ ތަޖުރިބާ ހޯދުމުގެ ދަތުރުތައް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އާދަމް މަނިކް ވިދާޅުވިއެވެ. 

މި ދަތުރުގައި ބައިވެރިވި މަސްވެރިން ބުނީ ކުރިން އަޑުއަހާފައިވާ އެހެންނަމަވެސް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ވަރަށް ގިނަ ކަންތައް މިދަތުރުގައި ތަޖުރިބާ ކުރެވުނުކަމަށެވެ. އަދި މިދަތުރުން ލިބުނު ތަޖުރިބާރާއްޖޭގެ މަސްވެރިކަން ކުރާއިރު ބޭނުންކުރެވޭނެކަމަށްވެސް މަސްވެރިން ފާހަގަކުރިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގެ މަސައްކަތުގެ ދަށުން، ފިޝަރީޒް މިނިސްޓްރީގެ ޓީމަކާއި ރާއްޖޭގެ މަސްވެރިން ޖަޕާނަށް ކުރި މި ދަތުރުގައި 20 ދުވަސް ޖަޕާނުގައި ހޭދަކޮށްފައިވެއެވެ. ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދަނާ މަސްވެރިކަމުގެ މާސްޓަރ ޕްލޭން އެކުލަވާލުވުމުގެ މަސައްކަތް ކުރިއަށްދަނީ ޖަޕާންގެ ދެ ޔުނިވަރސިޓީއަކާއި ގުޅިގެނެވެ.