ކުޅިވަރު

އަލޮންސޯގެ ޕްލޭނުގައި ރޮޑްރީގޯ ނުހިމެނޭ، ލިވަޕޫލްއަށް ހިނގައިދާނެ


ރެއާލް މެޑްރިޑުގެ ކޯޗު ޒަބީ އަލޮންސޯގެ ޕްލޭނުގައި އެ ކުލަބުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ ނުހިމެނޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.

މި ގޮތަށް ވާހަކަ ދެކެވެން ފެށީ ފީފާ ކުލަބު ވޯލްޑް ކަޕުގައި ރެއާލް ކުޅުނު ހަ މެޗުގައި ވެސް ރޮޑްރީގޯ އަށް ފުރަތަމަ 11 އިން ފުރުސަތު ނުލިބުމުންނެވެ. އަދި އޭނާ އަށް ކުޅެން ލިބުނު ވަގުތު ވެސް އެހާމެ މަދެވެ. ރިޕޯޓަރުން ބުނާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި އޭނާ އަށް ރެއާލް މެޑްރިޑުގައި ކުޅެން ލިބޭ ވަގުތު ގިނަ ނުވާނެ ކަމަށް އަލޮންސޯ ވަނީ ކުޅުންތެރިޔާ އަށް އަންގައިފަ އެވެ.

މިހެންވެ އޭނާގެ އެޖެންޓް މިހާރު ވަނީ ބަދަލުވާނެ އައު ކުލަބު ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. އިނގިރޭސިވިލާތުގެ އާސެނަލް އިން އޭނާއާ ވާހަކަ ދެއްކި ނަމަވެސް އެ ކުލަބުން މިހާރު އެ ހިޔާލު ދޫކޮށްލައިފި ނަމަވެސް ނޫސްވެރިން ބުނެ އެވެ.

މިއާ ހިލާފަށް މިހާރު ރޮޑްރީގޯއާ ވާދަހަކަ ދައްކަމުން ދަނީ ޕްރެމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލުންނެވެ. އެ ކުލަބަށް އޭނާ ގަތުމަށް އޮތް ހުރަހަކީ ފައިނޭންޝަލް ފެއާޕްލޭ އެވެ. ލިވަޕޫލުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް 300 މިލިއަނަށް ވުރެ ގިނަ ޔޫރޯ ހޭދަކޮށްފައިވާއިރު އެ ކުލަބަށް އެންމެ ބޮޑު ދައްޗެއް އޮތީ ރޮޑްރީގޯގެ މުސާރައިގެ މައްސަލާގަ އެވެ. އޭނާ އަށް ރެއާލްގައި އަހަރަކު ލިބޭ 10 މިލިއަން ޔޫރޯ ދޭން ލިވަޕޫލަށް ޖެހިއްޖެނަމަ އެ ކުލަބަށް މުސާރަ އަށް ހޭދަކުރާ އަދަދު މަތިވުމުގެ މައްސަލަ ނުކުންނާނެ އެވެ.

ލިވަޕޫލުން ރޮޑްރޯގީއާ ވާހަކަ ދައްކަން ފެށީ އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ ވިންގަ ލުއިސް ޑިއާޒް ކުލަބު ދޫކޮށްލަން ބޭނުންވުމުންނެވެ. ޓީމާއެކު އެއްވެސް މައްސަލަ އެއް ނެތި ފަރިތަކުރަމުން ދިޔަ ނަމަވެސް ޑިއާޒް ހުރީ ޖަރުމަނުގެ ބަޔާން މިއުނިކަށް ދާން ލިވަޕޫލުން ފުރުސަތު ދީފި އެކަން ކުރާ ގޮތަށެވެ. ބަޔާންއިން ވަނީ އޭނާ ގަތުމަށް 65 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އެކަމަކު ޑިއާޒް ހުއްޓައި ލިވަޕޫލުން ރޮޑްރީގޯ ނުގެންނާނެ އެވެ.