މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި މީޑިއާގެ ދައުރު މުހިންމު ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީގު ވިދާޅުވެއްޖެއެވެ.
ޞަފާ މިހެން ވިދާޅުވީ 20ވަނަ އޭޝިއާ މީޑިއާ ސަމިޓް 2025ގެ ހަތަރުވަނަ ޕްލިނަރީ ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ. މިސެޝަންގެ މަޢުޟޫއަކީ "މީޑިއާ އެންޑް ކްލައިމެޓް އެކްޝަން، ދި ރޯޑް ޓު ސަސްޓެއިނަބިލިޓީ" އެވެ.
އޭޝިއާ މީޑިއާ ސަމިޓްގެ ހަތަރުވަނަ ޕްލިނަރީ ސެޝަންގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކުރަމުން އަންނަކަމީ، މިކަމަށް މީޑިއާތައް އިތުރަށް އަހުލުވެރިވާންޖެހޭކަމެވެ.
ޞަފާގެ ވާހަކައިގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުދައެރުމާއި، ފެން ތަޣައްޔަރުވުމާއި، ގޮޑުދޮށްތައް ގިރަމުންދިއުމާއި، މުރަކަތައް ހުދުވުން ފަދަ ކަންކަން ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަކަންކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކޮށް އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި ނޫސްވެރިންގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވާ ކަންކަމުން އަރައިގަތުމަށް ފިޔަވަޅު އެޅުން ލަސްކޮށްފިނަމަ އެކަމުގެ ގެއްލުން އަންނަން އޮތް ޖީލުތަކަށް އިތުރަަށް ކުރާނެކަމަށް ވިދާޅުވިއެވެ.
މޫސުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ސަރުކާރުން އެކިއެކި ކަންކަން ކުރަމުންދާކަންވެސް ޞަފާގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ.