ޚަބަރު

ތައިލެންޑުގެ ސިވިލް ސަރވިސް ކޮމިޝަނުގެ އެހީތެރިކަން ހޯދަނީ


ސިވިލް ސަރވިސް ކޮމިޝަނާއި ތައިލެންޑްގެ އޮފީސް އޮފް ދަ ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު ގުޅުން ބަދަހިކުރައްވާ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. 

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތައިލެންޑްގައި ތަމްރީން ހޯއްދެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ތައިލެންޑްގެ ސިވިލް ސާރވަންޓުންނަށް ތަޖުރިބާގެ ދަތުރުތައް ހަމަޖައްސަވައިދެއްވުންވެސް ހިމެނެއެވެ. އަދި ދެ ޤައުމުގެ ސިވިލް ސަރވިސް ކޮމިޝަނުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާއި އެއްކޮމިޝަނުން އަނެއް ކޮމިޝަންގެ ތަޖުރިބާ ހިއްސާކޮށް ތަފާތު އެކިއެކި ތަމްރީން ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުން ހިމެނެއެވެ. 

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، އާޝިޔާން ސަރަހައްދުގެ ޤައުމުތަކަށް ތައިލެންޑުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ރާއްޖެއަށް ފުރުސަތު ދިނުމަށް ނިންމަވާފައިވާކަމަށެވެ. ތައިލެންޑްގެ އިތުރުން އިތުރު އެހެން ޤައުމުތަކާއި އެކުވެސް މިފަދަ އެއްބަސްވުން އެކުލަވާލުމަށް މަޝްވަރާ ކުރައްވަމުންގެންދަވާކަމަށް ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި އެހެން ދާއިރާތަކުންވެސް ތަމްރީނާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތު ހޯދަމުން މި ގެންދަނީ. މީގެއިތުރުން މާދަމާ އެބައޮތް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރެއްވުން ވެސް. ޕާކިސްތާންގެ އަކަޑަމީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންއާއި އެކުގައިވެސް އަޅުގަނޑުމެން ގުޅުން ބަދަހި ކުރުމުގެ މަޝްރަވާތައް އެބަކުރަން." މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވިއެވެ.