ޚަބަރު

އަބުރުގެ ބިލާމެދު މީޑިއާ ކައުންސިލްގެ ވިސްނެވުން ޙިއްޞާ ކުރުން


ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ޢާއްމުން ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުއްވާލައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ ބިލަށް ހުށައަޅުއްވާ ޚިޔާލުތައް ހުށައަޅުއްވަންވާނީ އެ އިދާރާއިން ޢާއްމުކުރައްވާފައިވާ ފޯމެޓްގައިވާ ގޮތަށް ކަމަށެވެ. އެގޮތުން ޚިޔާލު ހުށައަޅުއްވާއިރު ބިލުގެ މާއްދާ ނަމްބަރާއި، ބިލުގައި މާއްދާ އޮތްގޮތާއި، މައްދާއަށް ހުށައަޅާ އިޞްލާޙާއި، އަދި އެ އިޞްލާޙް ހުށައަޅާ ސަބަބު ސާފުކޮށް އެނގެން އޮންނަންވާނެ ކަމަށް ރައްޔިތުން މަޖިލީހުން ވިދާޅުވެއެވެ. އަދި ބިލަށް އިޞްލާޙް ހުށައަޅުއްވާ ފަރާތްތަކުގެ ނަމާއި ގުޅޭނެގޮތް ސާފުކޮށް އެނގެން އޮންނަންވާނެ ކަމަށްވެސް ރައްޔިތުން މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. img:http://s1.psmnews.mv/images/660x400/14702405247133.jpg|މަޖިލީހުގެ ކޮމިޓީން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބައްދަލުކުރެއްވުން - ފޮޓޮ: މީޑިއާ ކައުންސިލް

ބިލަށް ޚިޔާލު ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 15 ވާ ހޯމަދުވަހު 12 ޖަހާއިރުއެވެ. ރައްޔިތުން މަޖިލީހަށް ހުށައަޅުއްވާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މިހާރު އޮތީ ކޮމެޓީ މަރުޙަލާގައެވެ. 11 މެމްބަރުން ހިމެނޭ ވަގުތީ މި ކޮމެޓީން ބިލަށް ޚިޔާލު ހޯއްދެވުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްގެ އިތުރުން ބައެއް މީޑިއާތައްވެސް އެ ކޮމެޓީއަށް ޙާޟިރުކުރައްވަން ނިންމަވާފައިވެއެވެ.

މި ފަރާތްތަކުގެ ތެރެއިން މީޑިއާ ކައުންސިލް ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ޙާޟިރުކުރައްވައި، އެ ކައުންސިލްގެ ވިސްނެވުން ޙިއްޞާކުރެއްވުމުގެ ފުރުޞަތު ދެއްވާފައިވެއެވެ. މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ވަނީ ދިވެހި ނޫސްވެރިންނަށް، މިބިލްގެ ސަބަބުން މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމަށް ދަތިވާނެކަމަށް އެ ކައުންސިލްގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ކަންކަން މަޖިލީހުގެ ކޮމެޓީއާ ޙިއްޞާކުރައްވާފައެވެ. އަދި އެ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތްތައްވެސް ބަޔާން ކުރައްވާފައިވެއެވެ.

މަޖިލީހުގެ ކޮމެޓީގެ މެންބަރުން މި ބައްދަލުވުމުގައި، މީޑިއާ ކައުންސިލްގެ މެންބަރުންގެ ވާހަކަތަކާއި ގުޅިގެން ސާފުކުރައްވަން ބޭނުންފުޅުވާ އިތުރު ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރައްވާފައިވެއެވެ. އަދި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެންބަރުން، މި ބިލް ހުށަހެޅުއްވުމުގައި އެ ބޭފުޅުންގެ ވިސްނެވުން ހުރި ގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވާފައިވެއެވެ.