ބިދޭސީން ހިންގާ ވިޔަފާރިތަކެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އެ އިދާރާގެ ޓާސްކް ފޯސްއިން ބުރާސްފަތި ދުވަހު ހަވީރު މާލެ ސަރަހައްދުގައި ދުއްވާއެއްޗެހި ފޮޅާ ސާފުކުރުމަށް ޙަރަކާތްތެރިވާ ބިދޭސީފަރާތްތަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިއޮޕަރޭޝަންގެ ތެރޭގައި 7 ބިދޭސީ ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މި 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
..ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ހަވީރު ވަނީ މާލެ ސަރަހައްދުގައި ދުއްވާއެއްޗެހި ފޮޅާ ސާފުކުރުމަށް ޙަރަކާތްތެރިވާ ބިދޭސީފަރާތްތަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން، މި… pic.twitter.com/tY0CAngVDB
— Maldives Immigration (@ImmigrationMV) July 25, 2025
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2022 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 މީހުން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.