ޚަބަރު

އިންޑިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައްދަލުކުރައްވައިފި


  • ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، މޯލްޑިވްސް ނެޝަނަލް ޕާޓީއާ ބައްދަލުކުރެއްވި

  • މޯދީ ވިދާޅުވީ ދެޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭކަމަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައްދަލުކުރައްވައިިއެވެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބޮޑު ވަޒީރު މޯދީއާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލް، އަދި ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ.


މި ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ އަދި ތާރީޚީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ. އަދި ދެޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭކަންވެސް މޯދީ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ އަރިހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިޙްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ. ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މޯދީ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ އޮންނަ އޮތުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މޯދީ ވިދާޅުވިއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިންގއާއި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.