މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
އެކަމަނާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ދިވެހި ޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިޙްސާސްތަކުގައި ދިވެހި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމުގައި ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އެކަމަނާ ވަނީ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުން ވަކިވެ ފުރިހަމަ މިނިވަން ޤައުމަކަށްވުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހަށެވެ. މީގެ 60 އަހަރު ކުރިން 1965 އެއްބަސްވުމުގައި ސޮއިކުރުމާއި ހަމައަށް އިނގިރޭސީންގެ ހިމާޔަތް ދަށުގައި ދިވެހި ދައުލަތް 77 އަހަރު ވަންދެން އޮތެވެ.
މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.