ޚަބަރު

ޤައުމުގެ މިނިވަންކަން ދެމި އޮންނާނީ އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މަސައްކަތްކޮށްގެން: ރައީސް


  • މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި ޤައުމީ މަސައްކަތުގެ ނަތީޖާ

  • މި ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޒިންމާއެއް

  • ދިވެހިންގެ ކަންކަމުގައި ބޭރުގެ އެހީތެރިކަން ހޯދި ނަމަވެސް ގޮތް ނިންމާނީ ދިވެހިން

ޤައުމުގެ މިނިވަންކަން ދެމި އޮންނާނީ އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދު އަޅުގަނޑުމެން މި ދެކޭ މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި ޤައުމީ މަސައްކަތުން ލިބިފައިވާ އެއްޗެއް ކަމަށެވެ. އެ ބޭފުޅުންގެ އެ ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނީ ޤައުމީ ލޯބި އިސްކޮށްގެން ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިނަމަވެސް ދިވެހިންގެ ކަންކަން ނިންމާނީ ދިވެހީން ކަމަށެވެ. އަދި ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެކި ޤައުމުތަކާއެކު ގާތް، ރަޙުމަތްތެރި ކަމުގެ ގުޅުން ބަދަހިކުރެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާއި އެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރެވޭނީވެސް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެކި މީހުން އެކި ދިމާލަށް، އެކި ވިސްނުމުގައި ގޮސްގެން، ޤައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މިދެންނެވި ވިސްނުމުގައި ދާހިނދު އެކަނި ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ. އެހެންވީމަ މިގޮތުގައި، މިޢަޒުމު ކަނޑައަޅަން އަޅުގަނޑު އިލްތިމާސްކުރަން ދިވެހި ހުރިހާ ރައްޔިތުންނަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވަޢުދުތައް ފުއްދެވުމަށް ޤައުމުގެ ތަރައްޤީ ކުރިއަށްގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ތަފާތު އެކި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާތަކުގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްޤީ ހާސިލްވާނީ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސު އިސްލާހުކުރަން ނިންމައިގެންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންނަށްވީތީ ފަޚުރުވެރިވާން އިލްތިމާސްކުރައްވާފައެވެ. އަދި އިސްލާމްދީނާއި ދިވެހި ބަހާއި ޤައުމިއްޔަތަށް އިސްކަން ދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރެއްވިއެވެ.