ކުޅިވަރު

ޕެނަލްޓީ މިސް ވުމުން މައާފަށް އެދެން: ބޮންމާޓީ


އިނގިރޭސިން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕޭނަށް ނުލިބުނުއިރު އޭނާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުން ސްޕޭނުގެ އައިޓާނާ ބޮންމާޓީ މައާފަށް އެދެފި އެވެ.
ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަދި މި މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބާސެލޯނާގެ މިޑްފީލްޑަރު ބުނީ މެޗުގެ ކުޅުމަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް މޮޅީ ސްޕޭން ކަމަށެވެ.

"އަހަރުމެން ކުޅުމަށް ބަލާއިރު ބަރަށް މޮޅު. އެކަމަކު އެއީ ހުރިހާ އެއްޗެއް ނޫން. އެންމެ މުހިންމު ކަމަކީ ގޯލް ޖެހުން. އެންމެ ފަހުން ޕެނަލްޓީ ޖަހަން ޖެހުމުން އެއީ ވަގުތާއި ހާލަތަށް ވަރަށް މުހިންމު ކަމެއް. އަހަރެން މައާފަށް އެދެން އަހަރެން އަތުން ޕެނަލްޓީ ނާކާމިޔާބު ވުމުން،" އައިޓާނާ ބުންޏެވެ.
އޭނާ އޭނާ ބުނީ ތަށި ހޯދަން ސްޕޭން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

"ހަމަ އެއް ގޮތެއް މި ދިމާވީ ބާސެލޯނާ އާއި ސްޕޭނަށް ވެސް. ބާސެލޯނާ ޗެމްޕިއަންސް ލީގު ފައިނަލުގައި ބަލިވީ އިނގިރޭސިވިލާތުގެ އާސެނަލް އަތުން. އެ މެޗުގައި ވެސް 70 މިނިޓް ވަންދެން މެޗުގެ ކޮންޓްރޯލް އޮތީ އަހަރުމެން އަތުގައި. އަހަރުމެން ކުޅުމަށް ބަލާއިރު މޮޅު. އެ މީހުންނާ އަޅާ ވެސް ނުކިޔޭނެ. މި ބަލިވިއިރު އެއްވެސް މީހަކު ކުށްވެރިކުރެވޭކަށް ނެތް. މިއީ އެންމެން ގުޅުނީ އެކުގައި. އަހަރުމެން މޮޅުވަނީ އެކުގައި. ބަލިވަނީ ވެސް އެކުގައި،" އައިޓާނާ ބުންޏެވެ.

އޭނާ އަދި ބުނީ ފުޓްބޯޅައިގައި ބަލިވާ ދުވަސް އަންނާނެ ކަމަށާއި އެކަން ގަބޫލުކޮށް ކުރިއަށްދާން ޖެހޭ ކަމަށެވެ.

"ބަލިވީމާ ވަރަށް ދެރަވާނެ. މި ފަދަ ފައިނަލް މެޗުތަކަކީ ވަރަށް ވާދަވެރި މެޗުތަކެއް. އަހަރުމެން ކުޅުން މޮޅަށް އެބަޖެހޭ މެޗުން މޮޅުވާން. އެކަން ނުކުރެވުނީ. ބަލިވީމާ ދެރަވާނެ،" އައިޓާނާ ބުންޏެވެ.