ޚަބަރު

އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާކުރުން


އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުން، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވައިފިއެވެ.

މި ޕްރޮގްރާމަކީ އޮޑިޓަރ ޖެރެނަލް އޮފީހުގެ ރެކްރިއެޝަން ކްލަބުން އިންތިޒާމް ކުރައްވައިގެން ކޮންމެ އަހަރަކު އެއްފަހަރު ކުރިއަށްގެންދަވާ އިޖްތިމާޢީ ހަރަކާތެއް ކަމަށް އޯޑިޓް އޮފީހުން ވިދާޅުވެއެވެ. އެ އޮފީހުގެ މެނޭޖަރ އޮފް އޮޑިޓަރ ޖެރެނަލް ބިއުރޯ އަޙުމަދު ލިޒާރު ވިދާޅުވީ، މިކަމަކީ އެ އޮފީހުގެ މުވައްޒަފުން ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިވަޑައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި، އެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން ލޭ ދެވެން ތިބި ހުރިހާ މުވައްޒަފުން މި ޕްރޮގްރާމްގައި ލޭ ހަދިޔާކޮށްފައިވާ ކަމަށާއި، މި ހަރަކާތަށް ހުރިހާ މުވައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ލޭ ހަދިޔާކުރި މުވައްޒަފުން ބުނީ، ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ކަމަށްވާތީ، މިހަރަކާތަކީ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީސް ނަމޫނާއަކަށް ބަލައި، އެހެން އޮފީސްތަކުންވެސް މިފަދަ ހަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއްކަން އެ މުވައްޒަފުން ފާހަގަކުރިއެވެ.

މި ޕްރޮގްރާމްގެ ދަށުން 40 އަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.