ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނުއިރު، ގައުމީ ކުލަތަކުން ޒީނަތްތެރިކޮށް، އުފާވެރި ގައުމީ ރޫހެއްގައި މިނިވަން ދުވަސް ދަނީ ފާހަގަކުރަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ރަމްޒީ މާނައެއް އެކުލެވިގެންވާ ހަރަކާތަކީ ދިވެހިބަހާއި، ސަގާފަތާއި އަދި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ފުޅަނދު ބުރެވެ.
އެގޮތުން އުފެއްދުންތެރިކަމާއި، ތަރިކައާއި އަދި އައު ގޮތްތައް ދައްކުވައިދޭ ގިނަ ފުޅަނދުތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުޅަނދު ފާހަގަކޮށްލެވުނީ އާންމު ޚިދުމަތުގެ މައިގަނޑު ސިފަތައް ދައްކުވައިދިން ފުޅަނދެއްގެ ގޮތުގައެވެ. އެއީ ރައްކާތެރިކަމާއި، އިތުބާރާއި އަދި މުޖުތަމައުގެ އެއްބައިވަންތަކަމެވެ.
މިއަހަރުގެ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުޅަނދަކީ ހަމައެކަނި ފުޅަނދު ބުރުގެ ބަޔަކަށްވުރެ ފުޅާ މާނާއެއް އެކުލެވޭ ފަރުމާއެއްކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ފުޅަނދުގެ އެންމެ ކުރީގައި ވަނީ ނެޝަނަލް އިމަރޖެންސީ ކޯލް ސެންޓަރ (911) އެވެ. މިއީ ރައްޔިތުންގެ ތަސައްލީތަކަށް އަވަހަށް އިޖާބަދިނުމާއި، އިތުބާރު ހޯދުމާއި އަދި ދެގޮތެއް ނުވާ ފުލުހުންގެ ޚިދުމަތުގެ ނިޝާނެކެވެ. އެލްއީޑީ ސްކްރީންތަކުގައި ލައިވް ސީސީޓީވީ މަންޒަރުތަކާއެކު ކުށަށް ހޭލުންތެރި ކުރުމުގެ މެސެޖުތައް ދައްކަމުންދިޔައެވެ. މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ބޭނުންކުރަމުން ގެންދާ ވަސީލަތްތަކުގެ ތަސައްވުރެކެވެ.
ކޯލް ސެންޓަރުގެ ފަހަތުގައި ވަނީ ބަގީޗާއެއް ފަރުމާކޮށްފައެވެ. އެއީ ފުލުހުން ބިނާކުރަން މަސައްކަތްކުރާ މުޖުތަމައު ތަމްސީލުކޮށްދޭ މަންޒަރެކެވެ. އެއީ ރައްކާތެރި، ގުޅި ލާމެހިފައިވާ އަދި އުންމީދުން ފުރިގެންވާ މުޖުތަމައެކެވެ.
މި ބަގީޗާގެ އަލިއަޅުވާލަނީ މާނަ ފުން މެސެޖަކަށެވެ. އެގޮތުން "ކުށްކުރުމުން ދުރުހެލިވާށެވެ! ރަނގަޅު ގޮތް ހިޔާރުކޮށްފިނަމަ، ދިރިއުޅުން އުޖާލާވާނެއެވެ." މިފަދަ މެސެޖުތައް ވަނީ ބޭނުންކޮށްފައެވެ.
ފުޅަނދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އެކި ދާއިރާތަކުގެ ޔުނިފޯމު ލައިގެން ތިބި ފުލުހުން މި ފުޅަނދު ބުރުގައި ބައިވެރިވުމެވެ. މީގެ ތެރޭގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއި، ހާއްސަ ޔުނިޓުތަކުގެ ފުލުހުން ހިމެނެއެވެ. މިއިން، ކޮމިޝަނަރ އޮފް ޕޮލިސް އަބަދުވެސް ތަކުރާރުކޮށް ވިދާޅުވާ މުހިންމު މެސެޖެއް ފޯރުކޮށްދެއެވެ. އެއީ "ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ހާއްސަ ޚިދުމަތެއް'' މިއެވެ.
މީގެ އިތުރުން، ފުޅަނދުގައި، ސްކޭމްއާއި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުތެރިކަން އިތުރުކުރުމުގެ ގޮތުން ކުރު ޑްރާމާ ތަކެއް ހިމެނިފައިވެއެވެ. މި ޑްރާމާތަކުން، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށް މެސެޖުތައް ފޯރުކޮށްދެވިފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ފުޅަނދު ބުރުގައި ބައިވެރިވުމަކީ މުޖުތަމައުއާ ގުޅުން ބަދަހިކޮށް، ހޭލުންތެރިކަން އިތުރުކޮށް، އަދި ރައްކާތެރިކަމަކީ އެންމެންގެ ގުޅިގެން ކުރެވޭ މަސައްކަތުން ހާސިލުވާ ކަމެއްކަން ރައްޔިތުންނަށް ހަނދާންކޮށްދިނުމުގެ ފުރުސަތެއް ކަމަށެވެ.
ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ވެސް ހުޅުމާލެ އަދި މާލެގަ ފުލުހުން ގެންދަނީ ކުރަމުންނެވެ. އެގޮތުން ވަކިން ޚާއްސަކޮށް ދުވެލި މަޑުކުރުމަށާއި، މަގުމަތީގެ ޤަވާއިދުތަކަށް ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެއުޅޭ މީހުންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވެ ހޭލުންތެރިވާން ފުލުހުން އަންނަނީ ބުނެދެމުންނެވެ.