ލ.މާވަށުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަަބަބުން މަރުވި މޫސާ އިބްރާހިމް މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ ވަޅި ހޯދާފައިވަނީ ފުލުހުންގެ ޓީމް މޫދަށް ފީނައިގެންކަމަށެވެ.
މި ހާދިސާގައި ނިޔާވީ ލ. މާވަށަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.
މައްސަލައިގައި ތުޙުމަތުކުރެވޭ މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ.ނޮޅިވަރަންފަރު، މުޙައްމަދު އިބްރާޙިމް(29 އަހަރު)އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ޙަމާލާދީ ޒަޚަމުކޮށްލާފައިވާ ކަމުގެ މަޢުލޫމާތު ރިޕޯޓްކުރީ މިއަދު 10:12 އެހާކަންހާއިރުމަށެވެ. އަދި އަނިޔާވި މީހާ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ޞިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގުކުރަމުންނެވެ.