ބްރެޒިލްގެ ފޯވަޑް ވީނިޝިއުސް ޖޫނިއާ ރެއާލް މެޑްރިޑުގެ ކޮންޓްރެކްޓް އާ ކުރަން ދެކޮޅު ހަދާތީވެ އެކަމަށް ނިމުމެއް ގެނައުމަށް ރެއާލް މެޑްރިޑުން ތާރީހެއް ދީފި އެވެ.
މީގެ ދެ ސީޒަނު ކުރިން ރެއާލްގައި މޮޅަށް ކުޅެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ފޯވަޑްގެ މިހާރގެ ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރަށެވެ. ނަމަވެސް ރެއާލްއިން ބޭނުންވަނީ މި އެގްރީމަންޓް 2030 ވަނަ އަހަރާ ހަމައަށް ދަންމާލުމަށެވެ. ވިނީޝިއުސް އެއްބަސް ނުވެގެން އުޅެނީ މިކަމާ އެވެ.
އޭނާ ޑިމާންޑް ކުރަނީ ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވަޑް ކީލިއަމް އެމްބާޕޭ އަށް މިހާރު އަހަރު ދޭ މުސާރައާ އެއްވަރުގެ އަދަދެއް ދިނުމަށެވެ. އެއީ އަހަރަކު 25 މިލިއަން ޔޫރޯ އެވެ. މި އަދަދަށް މުސާރަ ނުދޭނަމަ ކޮންޓްރެކްޓް އާ ކުރަން އޭނާ އެއްބަހެއްނޫނެވެ. ނަމަވެސް ރެއާލް މެޑްރިޑުން ބޭނުންވަނީ ހުސްވި ސީޒަނުގައި ޓީމާ ގުޅުނު އެމްބާޕޭ އައުމުގެ ކުރިނެ ވިނީޝިއުސް އެއްބަސްވި ގޮތަށް ކުރިއަށް ދާށެވެ. ނަމަވެސް މިކަން ނުނިމި ދިގުލައިދާތީވެ ކުޅުންތެރިޔާ އަށް ވަކި ގޮތެއް ނިންމަން ރެއާލްއިން ވަނީ މުހުލަތެއް ދީފަ އެވެ. ނަމަވެސް އެއީ ކިހާ މުއްދަތެއް ކަމެއް އެއްވެސް ފަރާތަކުން އަދި ނުބުނެ އެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނަނީ އައު ކޮންޓްރެކްޓާ މެދު ގޮތެއް ނިންމާނީ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ވިނީޝިއުސް ބައްދަލު ކުރުމަށް ފަހު ކަމަށެވެ. އަދި ވިނީޝިއުސް ގޮތް ދޫނުކޮށްފިނަމަ ރެއާލްއިން އޭނާ ދޫކޮށްލުން ގާތް ކަމަށެވެ.
ވިނީޝިއުސް ގަތުމަށް ސައޫދީ އަރަބިއާގެ ބޮޑެތި ކުލަބުތަކުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން ކުޅުންތެރިޔާ ވަނީ ސައޫދީ ބޮޑެތި ކުލަބުތައް ހިންގާ ޕަބްލިކް ފަންޑް އިންވެސްޓްމަންޓްގެ ބޭފުޅުންނާ ބާއްދަލުކޮށް އެ ގައުމުގައި ކުޅޭނަމަ އޭނާ އަށް ދޭނެ މުސާރައަކާ މެދު އެއްބަސްވެފަ އެވެ. ރެއާލް މެޑްރިޑުން ވިނީޝިއުސްގެ ކޮންޓްރެކްޓް އަވަހަށް ނިންމަން ބޭނުންވާ ސަބަބަކީ ވެސް މިއީ އެވެ.