އަދުގެ މުސްލިމުން ތަޙައްމަލުކުރާ އެންމެ ބޮޑު އެއް ހިތްދަތިކަމަކީ ކުށެއްނެތް ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކަށް އައިސްފައިވަނީ މޮޅިވެރިކަމެވެ. ޖައްބާރު ޔަހޫދީން ފަަލަސްޠީނުގެ ބިމަށް އަރައި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ، އަނިޔާވެރި ޤަތުލުޢާންމާއި ފަލަސްޠީނުގެ މުސްލިމުންނަށްކުރާ ހާނިއްކައަކީ މުސްލިމުންނަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ރާއްޖެފަދަ ސައްތައިންސައްތަ މުސްލިމު ޤައުމަކަށެވެ.
1967 ވަނަ އަހަރުން ފެށިގެން އިސްރާޢީލުގެ ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ނުޙައްޤުން ވެރިވެގަނެ، އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލައި މެނދުކެނޑުމެއް ނެތި ދެމުންދާ ޙަމާލާތަކާ ދެކޮޅަށް ރާއްޖެއިން ދިޔައީ އަބަދުވެސް އަޑު އުފުލަމުންނެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތުކުރަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެ މީހުންގެ އަސްލު ބިން ހޯދައިދޭންޖެހޭނެކަމަށާއި އިސްރާޢީލުގެ ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށް ބުނެ ރާއްޖެއިން ދަނީ ގޮވާލަމުންނެވެ. މި ގޮވާލަންތަކުގެ އަޑު އިތުރަށް ގަދަވެގެންދިޔައީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ހިސާބުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ހިސާބުން ފެށިގެން އެޅި ފިޔަވަޅުތަކާއި ކުރި މަސައްކަތްތަކާއެކު ފަލަސްޠީނުގެ ދިފާޢުގައި، ޔަހޫދީންނާ ދެކޮޅަށް ރާއްޖެއިންކުރާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ޖެހިގެންދިޔައެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިސްރާޢީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭގޮތަށް ސަރުކާރުގެ ފަރާތުން ޤާނޫނަށް އިސްލާހު ހުށައަޅައި، އެކަން ތަންފީޒުކުރައްވަން ފެށްޓެވުމެވެ. މިކަންވީ ދުނިޔެ ސިއްސުވާލި ނިންމުމަކަށެވެ. މުސްލިމު ވެރިންނާއި ފަލަސްޠީނަށް ތާޢީދުކުރާ ޤައުމުތަކުގެ ތަޢުރީފާއި ސަނާ ލިބުނު ކަމަކަށެވެ. އެކި ސަރުކާރުތަކުގައި އިސްރާޢީލު ޕާސްޕޯޓު މަނާކުރަން ކިޔަކިޔާ ތިބިއިރު، އެކަމަށް ޢަމަލީ ސިފަ ގެންނަން ކެރިވަޑައިގެންނެވި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުކަން އެއީ ކޮންމެ މީހަކުވެސް އަދު ޤަބޫލުކުރާނެ ޙަޤީޤަތެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުން އެކަންޏެއް ނޫނެވެ. ފަލަސްޠީނުގެ މުސްލިމުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ އެއްކުރުމާއި ޖަމާކުރުމުގެ ހަރަކާތްތަކެއް ޤައުމީ ފެންވަރެއްގައި ފެށުނެވެ. ޤައުމީ ޓީވީ މެދުވެރިކޮށް ޓީވީ ޓެލެތޯންތައް ކުރިއަށްގެންދިޔައެވެ. ފަލަސްޠީނުގެ ޙައްޤުގައި ހިނގާލުންތައް ބޭއްވިއެވެ. މި ހަރަކާތްތައް މެދުވެރިކޮށް ފަލަސްޠީނަށް ގިނަގުނަ އެހީތައް ރާއްޖޭގެ ފަރާތުން ވެދީފައިވެއެވެ.
ދެން އޮތީ ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތުކުރުމުގެ ވާހަކައެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅުދެއްކެވި ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭ ކަމަށާއި ޔަހޫދީންގެ ޢަމަލުތައް، ނިރުބަވެރި ޢަމަލުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ޖައްބާރު ޔަހޫދީންނާ ދެކޮޅަށް ވަގުތުން ވަގުތަށް ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް އެމަނިކުފާނު ހަރު އަޑުން ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ކޮންމެ ބައިނަލްއަޤުވާމީ ބައްދަލުވުމެއްގައިވެސް އެމަނިކުފާނު ދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލަމުންނެވެ.
މީގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ވަޒީރުންވެސް ދަނީ ބައިނަލްއަޤުވާމީ އެކިއެކި ބައްދަލުވުންތަކުގައި ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި އަޑުއުފުލަމުންނެވެ. މިގޮތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ޔަހޫދީންނާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލާގައި އެ މައްސަލައަށް ތާޢީދުކޮށް ރާއްޖެއިން ދަނީ ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ. އަދި އެ މައްސަލަތަކުގައި ބައިވެރިވެ، ރާއްޖެއިން ދަނީ ބަޔާންތައް ހުށައަޅަމުންނެވެ.
ފަލަސްޠީނަށް ދިމާވެފައިވާ ދަތި މި ދަނޑިވަޅުގައި ރާއްޖޭގެ ސިޔާސަތަކީ އަބަދުވެސް އެއް ސިޔާސަތެކެވެ. އެއީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތެއް ޤާއިމުވެގެން ދިއުމެވެ. މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހުވެސް ވަކާލާތުކުރަމުންދަނީ މި ޤަބޫލުކުރުމަށެވެ.
ކޮންމެއަކަސް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމާއި އިސްރާޢީލާމެދު އޮތް ނަފްރަތު ދެއްކުމުގެ ގޮތުން ރާއްޖެއިން އެޅި ޖެހިލުންކުޑަ ފިޔަވަޅުތަކާއެކު މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ޖެހިފައިވާކަމާމެދު ޝައްކެއް ނެތެވެ.
އަދިވެސް ފެންނަން އޮތް ޙަޤީޤަތަކީ ފަލަސްޠީނަށް މިނިވަންކަން ލިބެންދެން މި މަސައްކަތަށް ނިމުމެއް ނާންނާނެކަމެވެ. ލޮބުވެތި އެ މުސްލިމް އަޚުންނާއި އަޚްތުންގެ ޙައްޤުގައި އަބަދުވެސް މި ރާއްޖޭން ވަކާލާތުކުރާނެކަމެވެ.