ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައްވައިފިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލާފައިވާކަމަށެވެ.
މި ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން އޮގަސްޓް 12ވާ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފަވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30އިން 12:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތައް ދިރާސާކޮށް، ފާސްވުމަށްފަހު ރައީސުލްޖުމްޙޫރިއްޔާއެވެ. މި މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ 5 އަހަރުގެ މުއްދަތަކަށެވެ.
އެ ކޮމިޝަނުގައި މިހާރު 5 މެންބަރުން ތިއްބަވައެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި ކޮމިޝަނުގެ މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފާއި ފާތިމަތު ހަބީބާއެވެ. މީގެ ތެރެއިން މަޤާމުގެ މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްގެއެވެ.